އީދު އުފަލުގައި ގޮވާ ބާރު އަޑުތަކުން ހިތުގެ ބަލިތަކަށް ނުރައްކާވޭ

އީދު އުފަލުގައި ގޮވާ ބާރު އަޑުތަކުން ހިތުގެ ބަލިތަކަށް ނުރައްކާވޭ

އީދުތަކާއި އެކި ކަހަލަ ތަފާތު އުފާ ފާޅުކުރުން ތަކުގައި ބޭނުންކުރާ ބާރު އަޑުގަދަކުރާ ތަކެއްޗާއި، ބެރާއި، އަދި ހަވާގެ އަޑުތަކުގެ ސަބަބުން ހިތުގެ ނިޒާމަށް ނޭދެވޭ އަސަރުކޮށް، ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ޑޮކްޓަރުން ދީފިއެވެ.

އިންޑިއާގެ ޕޫނޭގައި ކުރިއަށްދާ އުފާފާޅުކުރުންތަކާ ގުޅިގެން، ރައްޔިތުންނަށް އުފާފާޅުކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށާއި ނަމަވެސް އެހެން މީހުންގެ އަރާމުކުރުމާއި ސިއްހީ ރައްކާތެރިކަމަށް ހުރަސްއެޅިގެން ނުވާނެ ކަމަށް ބުނެ އާންމުންގެ ޖަމިއްޔާތަކުން ވަނީ އަޑުގަދަ ކުރުން ކޮންޓްރޯލް ކުރުމަށް އެދިފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޕޫނޭގެ މަޝްހޫރު ކާޑިއެކް ސާޖަން ޑޮކްޓަރު ވިޖޭ ނަޓަރާޖަން ވިދާޅުވީ، ބާރު އަޑުތަކުގެ ސަބަބުން އެކަނި ކަންފަތުގެ އަޑުއިވުމަށް އަސަރުކުރުމުގެ އިތުރުން، އެއީ ހަށިގަނޑަށް ސްޓްރެސް ގެނެސްދޭނެ ކަމެއް ކަމަށެވެ. އަދި ކުއްލިއަކަށް އިވޭ ބާރު އަޑުތަކުގެ ސަބަބުން ހަށިގަނޑުގެ "އެޑްރެނަލިން" ފަދަ ސްޓްރެސް ހޯމޯންތައް އިތުރުވެ، ލޭގެ ޕްރެޝަރާއި ހިތުގެ ހިންގުން އަވަސްވެގެންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޑޮކްޓަރު ނަޓަރާޖަން ވިދާޅުވި ގޮތުގައި، މިފަދަ ބާރު އަޑުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް އޮތީ:

* އުމުރުން ދުވަސްވީ މީހުންނަށް
* ހައި ޕްރެޝަރު ހުންނަ މީހުންނަށް
* ހިތުގެ ބަލިތައް ހުންނަ މީހުންނާއި، ހިތުގެ ރިދަމް މައްސަލަތައް ހުންނަ މީހުންނަށް
* ކައިރި މުއްދަތެއްގައި ހިތުގެ އޮޕަރޭޝަނެއް ކޮށްފައިވާ ނުވަތަ ބޮޑު ބައްޔަކުން ރަނގަޅުވަމުން އަންނަ މީހުންނަށް

މީގެއިތުރުން، ރޭގަނޑުގެ ވަގުތުތަކުގައި އިވޭ ބާރު އަޑުތަކުގެ ސަބަބުން ނިދި މަހުރޫމްވުމަކީ ހަށިގަނޑުގެ ލޭގެ ޕްރެޝަރު ތިރިވުމަށް އޮންނަ ސައިކަލަށް ހުރަސްއެޅި، ދިގު މުއްދަތަކަށް ބަލާއިރު ސްޓްރޯކް ޖެހުމާއި ހިތުގެ އެހެނިހެން ބަލިތަކަށް މަގުފަހިވާ ކަމެއް ކަމަށްވެސް މާހިރުން ބުނެއެވެ.

ޑޮކްޓަރުން އިރުޝާދު ދެއްވަނީ އުފާފާޅުކުރުންތައް ބޭއްވި ނަމަވެސް، އަޑުގަދަކުރާ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ހޮސްޕިޓަލްތަކާ ދުރުގައި ބެހެއްޓުމަށެވެ. އަދި ޚާއްޞަކޮށް ރޭގަނޑު ވަގުތުތަކުގައި އަޑު މަޑުކުރުމަށާއި، ހިތުގެ ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން އަޑުގަދަވާ ވަގުތުތަކުގައި ގޭގެ އެތެރޭގައި ތިބުމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *