މި ސަރުކާރުން ކުރާ ކަމަކީ އިންތިޒާމުވެގެން ވައްކަން ކުރުން: ޝާހިދު

މި ސަރުކާރުން ކުރާ ކަމަކީ އިންތިޒާމުވެގެން ވައްކަން ކުރުން: ޝާހިދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ ފޯރިއާއެކު ކުރަމުންދާ ކަމަކީ ވައްކަން ކުރުން ކަމަށާއި، ގައުމު ހިންގަން މި ސަރުކާރަށް އެއްގޮތަކަށް ވެސް ނޭނގޭ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށި ސިޓީގައި ބޭއްވި "ޝާހިދު 2028″ ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، މި ސަރުކާރުން ކަންކަން ކުރަނީ ވަރަށް އިންތިޒާމުވެގެން ވާދައަށް ކަމަށާއި، އެހެން ނަމަވެސް އެ ކުރާ ކަމަކީ ހަމައެކަނި ވައްކަން ކަމަށެވެ. އަދި އެކަން ކުރާލެއް މުރާލިކަމުން އެހެން ކަމެއް ކުރަން ސަރުކާރުގެ ހަނދާނުގައި ވެސް ނެތް ކަމަށާއި، އެހެން ނޫން ނަމަ ހަނިމާދޫ އެއާޕޯޓް ނިމެންވާއިރަށް އެ ސަރަހައްދުގައި އަޅަންޖެހޭ ޓޫރިޒަމް އެނދުތައް ހުންނާނީ އަޅައި ނިމިފައި ކަމަށް ވިދާޅުވި އެވެ.

“މި ސަރުކާރުން އެބަ ކުރޭ ކަންކަން. ލައްކަ ގިނަ ކަންކަން. އިންތިޒާމުވެގެން އެކަން އެ ކުރަނީ ވެސް. އެކަމަށް ކިޔަނީ ވައްކަން. ވާދައަށް ވެސް ކުރަނީ ވައްކަން. އެ ނޫންކަމެއް ކުރާތަނެއް ނުފެނޭ. އެކަން ކުރާލެއް މުރާލި ވެސް މެ. ހީވާގިވެސް މެ. އެކަން ކުރާލެއް މުރާލިކަމުން އެހެން ކަމެއް ކުރަން ހަނދާނެއް ވެސް ނުވޭ. އެހެން ނޫން ނަމަ މި އެއާޕޯޓް ނިމެންވާއިރަށް މި ސަރަހައްދުގައި އަޅަންޖެހޭ ޓޫރިޒަމް އެނދުތައް ހުންނާނީ އަޅައި ނިމިފައި” ޝާހިދު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ބޮޑު ޕްލޭނަކާއެކު ފައިސާ ހޯދައިގެން ފެށި އެ އެއާޕޯޓުގެ ބޮޑު ތަސައްވަރު މި ސަރުކާރުން ފަޅުކޮށްލާފައިވާ ކަމަށް ވެސް ޝާހިދު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ، ދިވެހި ތާރީޚުގައި ވެސް ނުދެކޭ ފަދަ "މިސްމެނޭޖްޑް ކްރައިސިސް އިކޮނޮމީއެއް" މިއަދު ފެންނަމުންދާ ކަމަށެވެ. ކޮންމެ ދުވަހަކު ސިޔާސަތުތައް ބަދަލުވެ، ޑޮލަރާއި ތަކެތީގެ އަގު އުފުލެމުންދާއިރު، ރައްޔިތުންގެ ފައިސާ އިސްރާފު ކުރަނީ ސިޔާސީ މަގާމުތަކަށާއި ޗާލާކީ ޕްރޮޖެކްޓްތަކަށް ކަމަށް ޝާހިދު ވިދާޅުވި އެވެ.

އަދި ބޯހިޔާވަހިކަމާއި މަގުހެދުމާއި ކަރަންޓުގެ މަސައްކަތްތައް ހިމެނޭހެން މުޅި ރާއްޖޭގެ ހުރިހާ ތަރައްގީގެ މަޝްރޫއުތަކެއް ހުރީ ހުއްޓި ގައުވެފައި ކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން، ގައުމުގެ ހާލަތު ރަނގަޅުކުރުމަކީ ރޮކެޓް ސައިންސެއް ނޫން ކަމަށާއި އެކަން ކުރެވެނީ ޒަމާންވީ ޑިޕްލޮމަސީން ކަމަށް ޝާހިދު ވިދާޅުވި އެވެ. އެހެން ނަމަވެސް، މި ސަރުކާރު ވެރިކަމަށް އައިސް އެންމެ އެކުވެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މާލި ހަދައިގެން މަގުމަތީގައި ފުރައްސާރަކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހަލާކުކޮށްލާފައިވާ ކަމަށް ތުހުމަތު ކުރެއްވި އެވެ.

ހަމައެއާއެކު، ސަރުކާރާ ދެކޮޅު ޚިޔާލުތަކުގެ ސަބަބުން ވަޒީފާތަކުން މީހުން ވަކިކުރުން ވަގުތުން ހުއްޓާލުމަށް ވެސް ޝާހިދު ގޮވާލެއްވި އެވެ.

ޝާހިދު ވިދާޅުވީ ރާއްޖޭގެ ހާލަތު ބަދަލުކުރެވޭނީ ރަސްމާލެ އާއި ބިއްލޫރި ޓަނަލް ފަދަ ކަންކަމުގެ ބަދަލުގައި އެހެން ގޮތްތަކެއް ހުރިކަން ގަބޫލުކުރާ ސަރުކާރަކުން ކަމަށެވެ. އަދި ދެން ވެސް މި ގައުމުގައި އުފެދޭނީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ ވެރިކަމެއްގައި ހުއްޓިފައިވާ ހުރިހާ މަޝްރޫއުތަކެއް ނިންމައި، ރައްޔިތުންނަށް އުއްމީދީ އަދި ފުދުންތެރި ދިރިއުޅުމެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ޝާހިދު ދެއްވި އެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *