އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޝާހިދުގެ ޝިއާރަކީ "ފުދުންތެރި ދިވެހިރާއްޖެ"

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޝާހިދުގެ ޝިއާރަކީ "ފުދުންތެރި ދިވެހިރާއްޖެ"

Okއެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ކުރީގެ ރައީސް، އަބްދުﷲ ޝާހިދުގެ ކެމްޕެއިން ޝިއާރަކީ "ފުދުންތެރި ދިވެހިރާއްޖެ" ކަމަށް އެމަނިކުފާނު ރަސްމީކޮށް ހާމަކުރައްވައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި "ޝާހިދު 2028″ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަކީ ހުރިހާ ގޮތަކުން ވެސް ފުދުންތެރި ބަޔަކަށް ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި އެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ބޯހާސްކަމާއި ދަރަންޏާއި ހުއްޓި ހުންނަން ޖެހުމާއި ވާނުވާގައި ގަނަތެޅުމުގެ އިތުރުން ޖީބު ފޫގޮސް، ނާއުއްމީދުގައި ދަރަނިވެފައިވާ ދަންތުރައިން ރާއްޖޭގެ މިއަދުގެ ހާލަތު ބަދަލުކުރައްވައި، ރައްޔިތުމީހާ އަމިއްލަ ފައިމައްޗަށް ތެދުވާ ފުދުންތެރި ރާއްޖެއެއް ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ބަންކަރިންގެ ޚިދުމަތާއި އިގުތިސާދީ ތަރައްގީ

ދިވެހިރާއްޖޭގެ އުތުރާއި ދެކުނު، ވެރިކަން ކުރާ މާލެ ސިޓީއަށް ހުރިހާ ކަމަކަށް ބަރޯސާނުވެ ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވެ ޝާހިދު ވަނީ މި ސަރުކާރުން ފަށާފައިވާ ބަންކަރިންގެ ޚިދުމަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، "ކުޅުދުއްފުށި ބަނދަރު ދެ ކަޅު ހަމަށް ފެން ބަރުކޮށްގެން ގައްލަންދޫ ކަނޑުން އިހަވަންދިއްޕޮޅަށް މި ސަރުކާރުން ފެށި ބަންކަރިންގެ ޚިދުމަތް، އޭގެ އަސްލު މާނައިގައި، އެކަން ކުރަންވީ ގޮތަށް އަޅުގަނޑުގެ ސަރުކާރެއްގައި ތަރައްގީ ކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވަން. މި ސަރުކާރުން އެ ކުރަނީ ބަންކަރިންއެއް ނޫން. މި ސަރުކާރުން އެ ކުރަނީ ބޮކަރިންގ. މި ސަރުކާރުން އެ ކުރަނީ މަލާމާތް،" ކަމަށެވެ.

ބަންކަރިންއަކީ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅިލާމެހިފައިވާ ސިނާއަތެއް ކަމަށާއި، އެކަން ކުރެވޭނީ އެކަން ކުރަން ދަންނަ ބަޔަކަށް ކަމަށް ވިދާޅުވަމުން ޝާހިދު ވަނީ ކުޅުދުއްފުށީ ޕޯޓަކީ ވެސް އަސްލު މާނައިގައި ނަފާވާ، ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ އިގުތިސާދީ ދޮރާއްޓަކަށް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ސިއްހީ ނިޒާމާއި ޚާރިޖީ ގުޅުންތައް

ޝާހިދު އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި ސިއްހީ ނިޒާމުގައި ރައްޔިތުން ގަނަތެޅެން ނުޖެހޭނެ ފަދަ އިންތިޒާމުތަކެއް ހަމަޖައްސަވާނެ ކަމަށެވެ. އެގޮތުން ޓަރޝިއަރީ ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތައް އަދި ހެލްތު ސެންޓަރުތައް މިނިމަމް ސްޓޭންޑަޑަށް ފެތޭކަން ކަށަވަރުވާނެ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާ އާއި ޚާރިޖީ ގުޅުންތަކުގެ ބޭނުން ފުރިހަމައަށް ހިއްޕަވައިގެން، ރާއްޖެއަކީ ބޭހަށާއި، އަސާސީ ކާޑަށް އަދި ތެލަށް ވެސް ނުޖެހި އުޅެވޭނެ ގައުމެއްގެ ގޮތުގައި ކުރިއަރުވާނެ ކަމުގެ ޔަގީންކަން ޝާހިދު ވަނީ ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *