މަންމައެއްގެ ހިތްފަޅައިގެންދިޔަ ރުއިމާއި، ޒީޒީގެ ވަކިވުން

މަންމައެއްގެ ހިތްފަޅައިގެންދިޔަ ރުއިމާއި، ޒީޒީގެ ވަކިވުން

ދުނިޔެއަށް އަލިކަން ގެނެސްދިން ކުޑަކުޑަ ލޯބިވާ ދަރިއެއްގެ ހިނިތުންވުން، އެންމެ ވަގުތުކޮޅެއްގެ ތެރޭގައި އަބަދުގެ އަބަދަށް އަނދިރިވެގެން ހިނގައިދާނެ ކަމަށް ހީކުރާނީ ފަހެ ކާކު ހެއްޔެވެ؟

ކޮންމެ މަންމައެއްގެ ހިތުގެ ފިނިކަމަކީ އެ މަންމަގެ ލޮލުގެ ނޫރު ފަދަ ދަރިފުޅެވެ. ނަމަވެސް، މުޅި ޤައުމުގެ ހިތްތައް ރޮއްވާލައި، ހިތާމައިގެ ފުން ކަނޑަކަށް ޣަރަޤުކޮށްލީ އެންމެ 9 އަހަރުގެ މައުސޫމު މަލެއް ފަދަ ޒީވާ ސިނާން (ޒީޒީ) މި ފަނާވަނިވި ދުނިޔެއާ ވަކިވެދިޔަ ހިތްދަތި ޚަބަރާއެކުގައެވެ.

އެއީ ހިތްތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެ ބިރުވެރި، ހިތާމަވެރި ހޮނިހިރު ދުވަހެއްގެ ރެއެވެ. ގަޑިން ގާތްގަނޑަކަށް 9:04 އެހާކަންހާއިރެވެ. ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގުން، ވިނަރެސް ޓަވަރު 7 ކައިރިން އިވިގެންދިޔަ ބާރު އަޑާއެކު ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓުން، ޒީވާގެ ކުޑަކުޑަ ހަށިގަނޑަށް ލިބުނު ފުން ޒަޚަމްތަކަކީ އެއްވެސް އިންސާނެއްގެ ހިތަށް ކެތްވާވަރުގެ ކަންކަމެއް ނޫނެވެ.

ފުލުހުން މި މައްސަލައިގެ ތަހުގީގު ހިންގަމުން ދިޔަ ނަމަވެސް، އެ ހާދިސާ މިވަނީ އެ އާއިލާގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖަހައި، އަނދިރިކަމުގެ ތެރެއަށް ދޫކޮށްލާފައެވެ.

ހިތް ފަޅައިގެންދާ ފަދަ ފުން އަސަރާއެކު، ޒީވާގެ މަންމަ ޒާހިދާ މަހްމޫދު މީސްމީޑިއާގައި ބަންޑުންކޮށްލި ޝުޢޫރުތަކުން ކޮންމެ ލޮލަކުން ކަރުނަ އޮހޮރިގެން ދިޔައެވެ. ދަރިފުޅު ވަކިވެދިޔަ ހިތާމައިގެ މި ބޮޑު ދަނޑިވަޅުގައި، މުޅި މުޖުތަމަޢުގެ ފަރާތުން ލިބުނު ހެޔޮ ދުއާތަކާއި ތައުޒިޔާގެ މެސެޖުތަކަށް މަންމަގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރިއެވެ. ކޮންމެ މެސެޖަކަށް ޖަވާބު ނުދެވުނަސް، އެ އެންމެންގެ ލޯތްބާއި ހެޔޮ ދުއާއިން ހިތްދަތިވެފައިވާ ހިތަށް ކުޑަނަމަވެސް ފިނިކަމެއް ލިބުނު ކަމަށް މަންމަ ބުންޏެވެ.

ޒީޒީއަކީ ހަމައެކަނި ލޯބިވާ ދަރިއެއް ނޫނެވެ. އެއީ ގޭތެރޭގެ ދިރުމެވެ. އޭނާގެ ކުދިކުދި ކޮއްކޮމެންނަށް ދެއްކި ލާމަސީލު "ދޮންތަ" އެވެ. ކޮއްކޮމެންދެކެ އިންތިހާއަށް ލޯބިވެ، އެކުދިންނަށް ކުޅިވަރުތަކާއި އައު ކަންކަން އުނގަންނައިދިނުމުގައި ވަރުބަލިކަމެއް ނެތި ޒިންމާ އަދާކުރި ހަރުދަނާ ދޮންތައެކެވެ.

މަންމަގެ ލޮލުން ކަރުނަ ފޮހެމުން ބުނެފައިވަނީ، ޒީޒީގެ ސަބަބުން މަންމައަކީ ކުރިއަށްވުރެ މާ ރަނގަޅު އިންސާނަކަށް ވުމަށް މަގުފަހިވި ކަމަށެވެ. ވަގުތަށް ކަންކަން ކުރުމަށް ފަރުވާތެރި، ހެނދުނާ ހޭލުމަށް އާދަވެފައިވާ އެ ތޫނުފިލި ދަރިފުޅަކީ، ކުޑައިރުއްސުރެ ކުރިމަގާމެދު އުންމީދީ އެތައް ހުވަފެންތަކެއް ދެކެމުން އައި މައުސޫމު ފުރާނައެކެވެ.
އަބަދުވެސް ތަފާތު ވަޒީފާތަކާ ބެހޭގޮތުން މަންމައާ ސުވާލުކޮށް މަޝްވަރާކުރުމަށްފަހު، އެންމެ ފަހުން ޒީޒީ ނިންމައިގެން ހުރީ އިންސާނިއްޔަތަށް ޚިދުމަތްކުރާނެ "ޑޮކްޓަރަކަށް" ވާށެވެ.

އޭނާގެ ކޮންމެ މުދައްރިސަކުވެސް ފާހަގަކުރީ ޒީޒީގެ ވިސްނުންތޫނުކަމާއި، ކަންކަން ދަސްކުރުމުގެ އަވަސް ކުޅަދާނަކަމެވެ. އެހެން ނަމަވެސް، އެ ހުރިހާ ފޮނި އުންމީދުތަކަކާއި ހުވަފެންތަކެއް މިއަދު މިވަނީ ފަސްގަނޑުގެ އަޑީގައި ފޮރުވިގެން ގޮސްފައެވެ.

ހިތް ކުދިކުދިވެފައިވާ މަންމަގެ އެންމެ ފަހުގެ ވަދާއީ ޖަޒުބާތީ ބަސްކޮޅު އިވި، ކެތްކުރާނީ ކޮން ހިތެއް ހެއްޔެވެ؟"ދަރިފުޅާއެވެ! ދަރިފުޅާއެކު ހޭދަވި އަހަރުތަކަކީ އަޅުގަނޑުގެ ދިރިއުޅުމުގެ އެންމެ އުފާވެރި ދުވަސްތަކެވެ. ދަރިފުޅާ މެދު އަޅުގަނޑު އަބަދުވެސް ފަޚުރުވެރިވީމެވެ. އަދި އަބަދުވެސް ފަޚުރުވެރިވާނަމެވެ. އަޅުގަނޑު ތަކުރާރުކޮށް އެ ވާހަކަ ދަރިފުޅު ގާތު ބުނަމުން ދިޔައީ ނުހަނު އިޚްލާޞްތެރިކަމާއެކުގައެވެ. ދަރިފުޅު މަތިން އަޅުގަނޑުމެން އެންމެން އަބަދުވެސް ހަނދާންކުރާނަމެވެ. އަދި ދަރިފުޅަށްޓަކައި އޮތް ލޯތްބަކަށް ދުވަހަކުވެސް ބަދަލެއް ނާންނާނެއެވެ. މަންމީގެ ލޯބި ލޯބި ޒީޒީއެވެ.

މިއަދު ޒީޒީ މި ދުނިޔެއަށް އަލްވަދާޢު ކިޔައިފިއެވެ. ދެން ދުވަހަކުވެސް އެ މަޑުމައިތިރި އަޑެއް، އެ ލޯބިވެތި ހިނިތުންވުމެއް ނުފެންނާނެއެވެ.

ނަމަވެސް އެ މައުސޫމު ހަނދާންތައް ދުވަހަކުވެސް ފަނޑުވެގެން ނުދާނެއެވެ. ދުޢާއަކީ، ޖަންނަތުގެ މަތިވެރި ބަގީޗާތަކުގައި މި ކުޑަކުޑަ މަލަށް ދާއިމީ އުފާވެރިކަން މިންވަރުކުރައްވައި، ހިތްދަތިވެފައިވާ މަންމައަށާއި އާއިލާއަށް ކެތްތެރިކަމުގެ މަތިވެރި ނިޢުމަތް ދެއްވުމެވެ. އާމީން!

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *