ޑައިމޯފިން ޓްރެފިކް ކުރި މީހަކު 16 އަހަރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ކުރިމިނަލް ކޯޓުން ހުކުމް ކުރީ، ރ. މަޑުއްވަރީ ފެހިމާގެ، ހަސަން ސަފީރުގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުލަތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާކުރީ، ހުޅުމާލެ ގެސްޓް ހައުސްއެއްގައި ހުއްޓާ އޭނާ ހައްޔަރުކޮށް ހަށިގަނޑު ބަލައި ފާސްކުރިއިރު ޖިންސުގެ ޖީބުން ފެނުނ ތަޅުދަނޑިއެއް ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސް އޭނާގެ ހާޒިރުގައި، ގ.އަލްމާސްގޭގެ އޭނާއާ ގުޅުން އޮންނަން އެޕާޓްމަންޓް ބަަލައި ފާސްކުރިއިރު އެ އެޕާޓްމަންޓުން ފެނުނު ތަކެތީގައި ޑައިމޯފިން ހުރުމުންނެވެ.
މީގެ އިތުރުން އޭނާއާ ގުޅުން އޮންނަ ހ. ސްޕޭންވިލާ އަށް ހާޒިރުކޮށް އޭނާގެ ހާޒިރުގައި އެގޭގައިހުރި އޭނާއަށް ގުޅުން އޮންނަ ކޮޓަރިއެއް ބަލއި ފާސް ކުރުމުންވެސް ޑައިމޯފިން ފެނިގެންނެވެ.
މި މައްސަލައިގެ ޝަރިއަތުގެ މަރުހަލާގައި، ސަފީރު ވަނީ، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ ދެމެދު އިއުތިރާފްގެ އެއްބަސްވުމެއް ހަދައިފައެވެ.
އެހެންކަމުން އޭނާގެ އިއުތިރާފުން ޑައިމޯފިން ޓްރެފިކް ކޮށްފައިވާކަން ސާބިތުވާތީ އެ ކުށުން އޭނާ ކުއްވެރި ވެއްޖެ ކަމަށް ކަނޑައަޅައި 16 އަހަރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އެފައިސާ 12 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ކޯޓުން އޭނާއަށް ވަޏީ އަންގައިފައެވެ





