މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ހުސްވެފައިވާ މާލީ ކަންކަމާ ގުޅޭ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް، އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު އައްޔަންކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު ބަޔާންކުރާ ގޮތުން އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަންގެ ގޮތުގައި ދެ ބޭފުޅުން ތިއްބަވައެވެ. އެއީ އިދާރީ ކަންކަމާ ހަވާލުވެވަޑައިގަންނަވާ ޑެޕިއުޓީ ޗެއާޕާސަނަކާއި، މާލީ ކަންކަން ބަލަހައްޓަވާ ޑެޕިއުޓީ ޗެއާޕާސަނެކެވެ.
މާލީ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ ޝިފާޒު އައްޔަންކުރަން ހުށަހެޅުއްވީ މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް ނަޝީދެވެ. ޝިފާޒު އެ މަގާމަށް އައްޔަންކުރަން ފާސްވީ މި ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 34 މެންބަރުންގެ ތެރެއިން 30 މެންބަރުންގެ އަޣުލަބިއްޔަތު ތާއީދާއެކުގައެވެ.
2023 ވަނަ އަހަރު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު ޕާޓީގެ ތެރޭގައި އުފެދުނު ސިޔާސީ ޚިޔާލު ތަފާތުވުންތަކާ ގުޅިގެން، ޝިފާޒު ވަނީ އެމްޑީޕީގެ ނައިބު ރައީސްކަމުން އިސްތިއުފާދެއްވައި "ދަ ޑިމޮކްރެޓްސް" އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.
އަދި ރައީސް ނަޝީދަށް ތާއީދުކުރައްވާ ގިނަ މެންބަރުތަކަކާއެކު ޑިމޮކްރެޓްސްއާ ގުޅިވަޑައިގެން، އެ ޕާޓީގެ ވެސް ނައިބު ރައީސްކަން އޭނާ ކުރެއްވިއެވެ. ނަމަވެސް، ފަހުން ޑިމޮކްރެޓްސްއިން އިސްތިއުފާދެއްވުމަށްފަހު ޝިފާޒު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ޖަނަވަރީ 12 ވަނަ ދުވަހުއެވެ. މީގެ ކުރިން ޝިފާޒު އެމްޑީޕީގެ ނައިބު ރައީސްކަން ކުރެއްވިިއިރު، ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވީ ވެސް ރައީސް ނަޝީދެވެ.
އެމްޑީޕީގެ މާލީ ކަންކަމާ ގުޅޭ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ޢަބްދުالله މިދިޔަ ބުދަ ދުވަހު މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ޕާޓީގެ ޗެއާޕާސަން ރައީސް ނަޝީދަށް އަޙްމަދު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ބަޔާންކުރައްވާފައިވަނީ، އޭނާ މަގާމުން ދުރުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ އެ ޕާޓީގެ ކުރީގެ ރައީސް ޢަބްދުالله ޝާހިދުގެ ކެމްޕެއިން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމަށްޓަކައި ކަމަށެވެ.
އަޙްމަދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން ޗެއާޕާސަނުންނާއި ޑެޕިއުޓީ ޗެއާޕާސަނުންނަކީ އެތެރޭގެ އިންތިޚާބުތަކުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ ހައްގުތައް ހަމަހަމަކަމާއި އަދުލުވެރިކަމާއެކު ހިމާޔަތްކޮށްދޭންޖެހޭ މަގާމުތަކެކެވެ. އެހެންކަމުން، އެފަދަ ޒިންމާދާރު މަގާމެއްގައި ހުންނަވައިގެން ވަކި ކެންޑިޑޭޓަކަށް ކެމްޕެއިން ކޮށްދެއްވުމަކީ އެންމެ އިންސާފުވެރި އަދި ރިވެތި ގޮތް ކަމަށް ދެކެވަޑައިނުގަންނަވާތީ މަގާމުން އިސްތިއުފާ ދެއްވީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.






