ނޭޕާލާއި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދުގައި ހިނގި ފެންބޮޑުވުމުގެ ނުރައްކާތެރި ހާދިސާއެއްގައި މަރުވި މީހުންގެ އަދަދު 919 އަށް އަރައި، ގާތްގަނޑަކަށް ފަސްހާހެއްހާ މީހުން ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ.
މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވީ މި ހިނގާ މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު، ނޭޕާލް އަދި ޗައިނާ ގުޅޭ ސަރަހައްދުގެ އުސް ފަރުބަދަތަކުން ބޮޑެތި ގަނޑުފެންގަނޑުތަކާއި ފަސްގަނޑު ކަނޑައިގެން ގޮސް "ލެންޑޭ ކޯލާ" ކޯރަށް އެޅުމާ ގުޅިގެންނެވެ. މީގެ ސަބަބުން ކޯރު ބަންދުވެ، ފަހުން އެ ގަނޑުފެންތައް ވިރިގެން އުފެދުނު ބިޔަ ފެންގަނޑު ފަޅައިގެން ގޮސް، އިންތިހާއަށް ބާރުމިނުގައި އާންމުން ދިރިއުޅޭ އަވަށްތަކުގެ ތެރެއަށް ރެއލިގަތީއެވެ.
ނޭޕާލްގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ކަށަވަރު ކުރެވުނު ގޮތުގައި 919 މީހުން ވަނީ މި ހާދިސާގައި ފުރާނަ ގެއްލިފައެވެ. މީގެއިތުރުން، 4،793 މީހުން ގެއްލިގެން މިހާރުވެސް ދަނީ ހޯދަމުންނެވެ. ގެއްލުނު މީހުންގެ ތެރޭގައި އެ ސަރަހައްދުގައި ކުރިއަށްދިޔަ ހައިޑްރޯޕަވާ މަޝްރޫއުގައި މަސައްކަތް ކުރަމުންދިޔަ 933 މުވައްޒަފުންނާއި، 30 ގައުމަކަށް ނިސްބަތްވާ 589 ބޭރު ފަތުރުވެރިން އަދި އެ މީހުންނާއެކު ދަތުރުކުރި ނޭޕާލުގެ 127 ގައިޑުންނާއި އެހީތެރިން ހިމެނެއެވެ.
މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގެ އުމްރާނީ ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނާ ގޮތުގައި، ފެންބޮޑުވުމުގެ ސަބަބުން މުހިންމު 35 ބްރިޖެއް އެއްކޮށް ވެއްޓި ހަލާކުވެފައިވާއިރު، 40 ކިލޯމީޓަރަށްވުރެ ދިގު މަގުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ސުންނާފަތިވެފައެވެ.
އެއްގަމު މަގުތައް އެއްކޮށް ބަންދުވެފައި ވުމުގެ ސަބަބުން، ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމަށާއި، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް މިހާރު މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދަނީ ހެލިކޮޕްޓަރު ބޭނުންކޮށްގެން ވައިގެ މަގުންނެވެ. ކަމާބެހޭ އިދާރާތަކުން ދަނީ ކެނޑިނޭޅި މީހުން ސަލާމަތްކުރުމުގެ ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ.





