ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮންނަ މަތީ ފަންތީގެ ގުޅުންތަކާއި ދެޤައުމުގެ ރައްޔިތުންގެ މެދުގައިވާ އެކުވެރިކަމުގެ ސަބަބުން، ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މެލޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައާއި، އެޤައުމުގެ އިސްވެރިންނަށް ފޮނުއްވި ރަސްމީ ސިޓީފުޅުތަކުގައެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއި އެ ޤައުމުގެ ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވަމުން ރައީސް ވިދާޅުވީ، ދެޤައުމުގެ ގުޅުން ބިނާވެފައިވަނީ އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި ޤަބޫލުކުރާ އެއްގޮތް އުޞޫލުތަކުގެ މައްޗަށް ކަމަށެވެ. އަދި ކުރިމަގުގައި ވެސް މި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
މި މުނާސަބަތާ ގުޅިގެން މެލޭޝިއާގެ ރަސްގެފާނު ސުލްޠާން އިބްރާހީމަށާއި، ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި، ވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ވަރުގަދަ ބިންގަލުގެ މައްޗަށް ރައީސް އަލިއަޅުއްވާލެއްވިއެވެ. އަދި އިޤްތިޞާދީ ގޮތުންނާއި އެހެނިހެން މުހިންމު ދާއިރާތަކުން ދެޤައުމަށް ފައިދާވާނެ ގޮތަށް ގުޅުންތައް ފުޅާކުރުމަށް މަގުފަހިވެފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސިޓީފުޅުތައް ނިންމަވާލައްވަމުން، މެލޭޝިއާގެ ވެރިންނަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ސުލްޙަމަސަލަސްކަމާއި ފާގަތިކަމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އިނގިރޭސީންގެ އަތްދަށުން 1957 ވަނަ އަހަރުގެ އޯގަސްޓް 31 ގައި މިނިވަންވި މެލޭޝިއާއާއެކު ރާއްޖެއިން ޚާރިޖީ ގުޅުން ޤާއިމުކުރީ 1968 ގައެވެ. މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުންނާއި އާއިލާތައް ދިރިއުޅެމުންދާ މުހިންމު ޤައުމެކެވެ.






