ފަލަސްތީނުގެ ޣައްޒާގެ އަލްއަގްސާ މާޓާސް ހޮސްޕިޓަލަށް ޔަހޫދީ ސިފައިން އިއްޔެ ދިން ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުން ކެންސަރު ބަލީގެ ބޭސްތައް މުޅިން ހުސްވެއްޖެ އެވެ.
ދީރުލް ބަލަހްގައި ހުންނަ އަލްއަގްސާ މާޓާސް ހޮސްޕިޓަލުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ޔަހޫދީ ސިފައިން އިއްޔެ ދިން ހަމަލާތަކުގައި އެ ހޮސްޕިޓަލުގެ ފެން ތާންގީތަކަށާއި ލެބޯޓްރީ ސާމާނުތަކަށް އަދި ގުދަންތަކަށް ވަނީ ގެއްލުންވެފަ އެވެ.
އެގޮތުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ޔަހޫދީ ސިފައިން އިއްޔެ ދިން ހަމަލާތަކުގައި މަދުވެގެން ހަތަރު މީހުން ޝަހީދުކޮށްލި އިރު, އަލްއަގްސާ މާޓާސް ހޮސްޕިޓަލްގެ ކޮމްޕައުންޑް ތެރޭގައި ހުރި ބޭސް ރައްކާކުރާ ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ޓެންޓަކަށް ދިން ޑްރޯން ހަމަލާއެއްގައި ތިން މީހަކު ޒަހަމްވެފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވި އެވެ.
މި ހަމަލާތަކަށްފަހު ޔަހޫދީ ސިފައިން ވަނީ އެ ހަމަލާ އަމާޒުކުރީ ޙަމާސްގެ ކޮމާންޑަރަކަށް ކަމަށް ބުނެފަ އެވެ. ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް އެ މީހުންނަކަށް ނުދެއްކުނެވެ.






