ތިލަމާލެ ބުރިޖުގެ ކޮލިޓީ ކަށަވަރުކުރަން ޚާއްޞަ އިސްކަމެއްދޭނެ

ތިލަމާލެ ބުރިޖުގެ ކޮލިޓީ ކަށަވަރުކުރަން ޚާއްޞަ އިސްކަމެއްދޭނެ

ތިލަމާލެ ބުރިޖްގެ މަސައްކަތުގެ ފެންވަރު ރަނގަޅުވާނެކަމަށާއި، ބްރިޖުގެ ކޮލިޓީ ޔަޤީންކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ސިނަމާލެ ބްރިޖްގެ ކޮލިޓީވެސް ކަށަވަރުކުރި ކުންފުނިންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި މިވަނީ ތިލަމާލެ ބުރިޖްގެ ކޮލިޓީއާމެދު ބައެއް ފަރާތްތަކުން ހަޤީގަތާއި ހިލާފު ވާހަކަތައް ފަތުރާތީއެވެ.

ތިލަމާލެ ބުރިޖްގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ތިލަމާލެ ބުރިޖް މަޝްރޫޢުއަކީ މި ސަރަޙައްދުގެ ތަރައްޤީއަށް ޚާއްސަކޮށް އިޤްތިޞާދީގޮތުންނާއި އިޖުތިމާޢިގޮތުންވެސް ބޮޑު ކުރިއެރުމެއް ލިބޭނެ މަޝްރޫޢުއެއްކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު މާލެއާއި ވިލިމާލެއާ ބުރިޖުން ގުޅާލާފައިވާކަމަށާއި ބްރިޖްގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްގެންދެވޭނީ ގުޅީފަޅާ ހަމައަށް ބްރިޖު ގުޅާލެވިގެންކަމަށެވެ. އަދި އުންމީދަކީ ލަސްތަކެއް ނުވެ އާންމުންނަށް ބޭނުން ކުރަން ބްރިޖު ހުޅުވާލުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ތިލަމާލެ ބްރިޖްގެ ހުރިހާ މަސައްކަތްތަކެއް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އުންމީދުކުރަން. ތިލަފުއްޓާހަމައަށް ގުޅާލައިގެން މުޅި މަޝްރޫޢު ނިންމާލެވޭނީ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ބުރިޖުގެ ކޮލިޓީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކޮލިޓީ ރަނގަޅުވާނެކަމަށެވެ. ތިލަމާލެ ބްރިޖްެ ކޮލިޓީކަންކަން ބަލަައްޓަމުންދަނީ ސިނަމާލެ ބްރިޖްގެވެސް ކޮލިޓީ ބެލެހެއްޓު ކުންފުނިންކަން ރައީސް ފާހަގަކުރެއްވިއެވެ.

"ސިނަމާލެ ބްރިޖްގެ ކޮލިޓީ ބަލަހައްޓަން ހަޔަރ ކުރި ކުންފުނި. އާރޮޕްއަކީ ދުނިޔޭގެ އެންމެ ރަނގަޅު އެއްކުންފުނި. އޭރުވެސް އެ ކުންފުނީގެ އިސްކޮށް ހުރި ޑިރެކްޓަރ ތިލަމާލެ މަޝްރޫޢުގައިވެސް އުޅޭނީ. އެ ކޮލިޓީގައި މި މަޝްރޫޢުވެސް ކުރިއަށްގެންދާނެ. ވަރަށް ގާތުން ބަލަމުންދަނީ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ސަރުކާރު ހަވާލުވެ އެންމެ ފުރަތަމަ ފެށި މަސައްކަތްތަކުގެ ތެރޭގައި ބުރިޖުގެ މަސައްކަތް އަވަސް ކުރުމަށް އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރުންނާއެކު މަސައްކަތްތައް ފެށިއެވެ. ނިމުނު ސަރުކާރުގައި އޭރު މަސައްކަތް ކޮންޓްރެކްޓް ކުރީ ދަޢުރުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. ނަމަވެސް ދަޢުރު ނިމުނުއިރު ނިމިފައިވަނީ، މަޝްރޫޢުގެ %30އެއްހާ މަސައްކަތެވެ.

ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ، އަންނަ އަހަރުގެ ނިޔަލަށް ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ނިންމުމަށެވެ. ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މުޅި މަޝްރޫޢުގެ މަސައްކަތުގެ %76 މިހާތަނަށް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގައި މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާނެއެވެ. މި ރަށްތައް ހުރަސްކުރާނީ ހައިވޭތަކަކުންނެވެ. މި ހައިވޭތައް ހެދުމުގެ މަސައްކަތްވެސް އެކުއެކީގައި ދަނީ ކުރިއަށް ގެންދަމުންނެވެ.

ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށް ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިން 6.7 ކިލޯމީޓަރަށް އަރައެވެ.

މުޅި މި މަޝްރޫޢަށް 500 މިލިޔަން ޑޮލަރު ހޭދަވާނެއެވެ. އެއީ، 7 ބިލިޔަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ، އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި، 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ. އަދި މި މަޝްރޫޢަށް ދިވެހި ސަރުކާރުންވެސް ޚަރަދު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *