ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ދިރާސާތަކާއި މަޝްވަރާތަކަށްފަހު އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށާއި، އެ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން އެކި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވާ، ޕީއެސްއެމުން ގެނެސްދޭ 'ނޭޝަން ޗެޓް' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިގުތިޞާދު ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، އޭގެ ތެރޭގައި ޑޮލަރާ ގުޅޭ ސިޔާސަތުތައް ވަކިގޮތްތަކަކަށް ބައްޓަންކުރުމާއި ކުރިން ގާނޫނުގައި އޮވެ ތަންފީޒުނުކުރެވި ހުރި ކަންކަން ހަރުދަނާ އުސޫލެއްގެ ދަށުން ތަންފީޒުކުރުމުގެ މަސައްކަތް ހިމެނޭކަމަށެވެ.
ބޭރު ފައިސާގެ މައްސަލައާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ދެކެވޭ ވާހަކަތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސިޔާސީ ބޭފުޅުން އެކި ކަހަލަ ގޮތްގޮތަށް ވާހަކަދެއްކި ނަމަވެސް، އިގުތިޞާދީ ހާލަތު ރަނގަޅުކުރުމަށާއި ބޭރުފައިސާގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަޅަމުންދަނީ އަޅަންޖެހޭ ފިޔަވަޅުތަކެއްކަން އާންމު ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.
އަޅުގަނޑުމެން މި މަސައްކަތްކުރަނީ އިގުތިޞާދު ކުރިއެރުުވުމަށް. އެހެންވީމަ އަޅުގަނޑުމެންނެއް ނުކުރާނަން އިގުތިޞާދީ ކުރިއެރުމަށް ހުރަސްއެޅޭ އެއްވެސް ކަމެއް. ދެންހަމަ ބޭރުފައިސާގެ ކަންކަމުގައި އެއަޅާ ފިޔަވަޅުތައްވެސް ހަމަޔަގީނުންވެސް އޭގެ ނަތީޖާތައް ރަނގަޅުވާނެ. ސިޔާސީ ބޭނުމެއްގަ ބައެއް ފަރާތްތަކުން އެކިކަހަލަ ވާހަކަތައް ދައްކަފާނެ. އެކަމު އޭގެ ނަތީޖާ ޖުމްލަކޮށް ވަރަށް ރަނގަޅުވާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކާއި ގާނޫނުތަކަށް ގެންނަ އިސްލާހުތަކަކީވެސް ފެކްޓް ބޭސްޑްކޮށް ކުރާ ކަންކަން ކަމަށެވެ. މިގޮތުން އެތައް ދުވަހެއްގެ މަޝްވަރާއާއި ޓެކްނިކަލް އިވޭލުއޭޝަންތަކާއި ދިރާސާތައް ހެދުމާއި، އެކަމާ ހަވާލުވެ ތިއްބެވި ތައުލީމީ އަދި ފަންނީ ތަޖުރިބާކާރުންގެ ޓީމުތަކުން ރަނގަޅު ޕްރޮސެސްއެއްގެ ތެރެއިން މި ބަދަލުތައް ގެންނަމުންދާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެންމެނާވެސް މަޝްވަރާކޮށްގެން މިކަންތައްތައް މި ކުރިއަށްގެންދަނީ. އަޅާ ފިޔަވަޅުތައް ގާނޫނެއް ހެދިޔަސް އަދި ގާނޫނަކަށް އިސްލާހެއް ގެނަޔަސް މި ހުރިހާކަމެއްވެސް މި ކުރަނީ ފެކްޓް ބޭސްޑްކޮށް. އަޅުގަނޑުމެން ހަމަ ތިބެފަ ކަމެއް ނުކުރަން. އެތައް މަހެއް އެތައް ދުވަހެއްގެ މަޝްވަރާއާއި އަދި ޓެކްނިކަލް އިވޭލުއޭޝަންތަކާއި ދިރާސާތަކާއި ބޭރު ގައުމުތަކުގައި އެކަންކަން ކޮށްފަ ހުންނަ ހުރިހާކަމެއްވެސް އަޅުގަނޑުމެންގެ ޓީމުތަކުން ބަލާ." ރައީސް ވިދާޅުވިއެވެ.
ދިވެހި ރާއްޖޭގެ ބޭންކިން ސިނާޢަތް ކުރިއަރުވައި ސިނާޢަތަށް އިސްލާހީ ބަދަލުތައް ގެނައުމަށް އެމްއެމްއޭއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެތެރޭގެ ބޭންކުތައް އިތުރުކޮށް ދިވެހި މާލީ ނިޒާމުގެ ތެރޭގައި އާމްދަނީ ދައުރުވާ މިންވަރު އިތުރުކުރުމަށާއި، އެތެރޭގެ ކުރެވޭ މާލީ މުޢާމަލާތްތައް ދިވެހިފައިސާން ކުރާ ގޮތަށް ހެދުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އަދި ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ %40 ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.






