އަންނަ 2027 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހަށް 227 މިލިޔަން ރުފިޔާގެ ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.
އެ ކޮމިޓީން އެގޮތަށް ފާސްކުރީ، ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، ކޮމިޓީގެ ބޭނުމަކީ މިއަހަރާއި އަންނަ އަހަރަށް އެކުލަވާލި ބަޖެޓްގެ ތަފާތުތަކެއް ހުރިތޯ ބެލުމާއި ކިހާވަރެއް ބަޖެޓަށް އިތުރު ވެފައިވޭތޯ ބެލުން ކަމަށެވެ.
އެގޮތުން މަޖިލިސް ބަޖެޓް މިއަހަރެކޭ އަންނަ އަހަރެކޭ ދާދި އެއްވަރެއް ކަމަށާއި ދައުލަތަށް ބުރަ ބޮޑުވާވަރުގެ އިތުރުވުމެއް އަންނަ އަހަރަށް އައިސްފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ. ބަޖެޓުގައި މުސާރަ ބޮޑުކުރުމާއި އާ މަގާމުތައް އުފެއްދުމާއި އެލަވެންސް ތައާރަފުކުރުން ފަދަ އެއްވެސް ކަމެއް ހިމަނާފައި ނުވާނެ ކަމަށެވެ.
ކޮމިޓީ ބައްދަލުވުމުގައި މަޖިިލިސް އިދާރާއިން ކޮމިޓީއަށް ބަޖެޓް ފޮނުވި ގޮތަށް އުނި އިތުރެއް ނުގެނެސް ފާސްކުރަން ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. ތާއީދު ކުރެއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ރިޒާއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މިދައުރުގެ ޗުއްޓީއަށް މަޖިލިސް ދިއުމުގެ ކުރިން އާއްމު ކޮމިޓީން މަޖިލީހުގެ ކުރިއަަށް އޮތް އަހަރުގެ ބަޖެތް ފާސްކުރަން ޖެހެއެވެ.
މިއަހަރަށް މަޖިލީހަށް ދީފައި ވަނީ، 226 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އަންނަ އަހަރަށް 227 މިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހެޅީ، މަރާމާތަށް ކުރަންޖެހޭ ހަރަދާއި ޖަލްސާތަކުގައި ބޭނުންކުރާ ސާމާނުތަކުގެ ސްޕެއާ އަށް ކުރަންޖެހޭ ހަރަދު އިތުރުވެފައިވާތީ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.
އަންނަ އަހަރު މަޖިލީހުގައި ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ގޮތުގައި ތިން މަޝްރޫއެއް ކުރިއަށްގެންދާނެ ކަމަށްވެސް މަޖިލީހުގެ އިދާރާއިން ބުނެއެވެ. އެއީ، މަޖިލިސް އިމާރާތުގައި އާ ލިފްޓެއް ހަރުކުރުމާއި ސެކިޔުރިޓީ ރޫމާއި ވެއިޓިން ރޫމުގެ ބައެއް މަސައްކަތްތަކާއި މައި އިމާރާތުގެ ޕޯޓިކޯ ސަރަހައްދުގެ ކޮރިޑޯ އޭސީ ކުރުމަށެވެ.
މަޖިލީހުގެ އިދާރާއިން ބުނީ ސަރުކާރުން ދީފައިވާ ބަޖެޓް ސީލިންއަކީ މަޖިލީހަށް ބޭނުންވާ ވަރަށްވުރެ ކުޑަ ބަޖެޓެއް ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުން ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް އަންނަ އަހަރަށް ލަފާކުރާ މަޖިލީހުގެ ބަޖެޓު މި ދައުރު ނިމުމުގެ ކުރިން ފާސް ކުރަން ޖެހެއެވެ. ދެން އެ ބަޖެޓް ފާސްވާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.






