ގެއްލުނު މީހުން ހޯދަން މުޅި ހުވަދޫ ކަނޑު ބަލައިފި، ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ

ގެއްލުނު މީހުން ހޯދަން މުޅި ހުވަދޫ ކަނޑު ބަލައިފި، ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ

ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް މުޅި ހުވަދޫ ކަނޑު އެއްކޮށް ބަލާފައިވާ ކަމަށާއި ނަމަވެސް އެ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު މިހާރު ވަރަށް ކުޑަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިމަހުގެ ދެވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4″ ދޯނި، ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް މިމަހުގެ ފަސްވަނަ ދުވަހުގެ ރޭގައެވެ. ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ސަލާމަތް ކުރެވުނު ނަމަވެސް، ދޯނީގެ ކެޕްޓަން ތ. މަޑިފުށީ، މުހައްމަދު ހަމްދޫން (35އ) އާއި ފުލުހުންގެ ސާޖަންޓް އަލީ ނާފިއު (33އ) އަދި އެމްއެންޑީއެފްގެ ސާޖަންޓް އިބްރާހީމް އަހުމަދު (39އ) ވަނީ ގެއްލިފައެވެ. މި ހާދިސާއަށް މިހާރު ނުވަ ދުވަސް ވެފައިވާ އިރު، އަދިވެސް އެ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފުން މިއަދު ހެނދުނު ބުނީ އެ މީހުން ހޯދުމަށް ކަނޑުމަގުންނާއި އަދި ވައިގެމަގުން ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައިފައިވާ ކަމަށާއި އޮޔާހިނގައިދާނެ ކަމަށް ބަލައި، ވަޔާއި ކަނޑުގެ އޮއިވަރަށް ބަލައިގެން އެ މިސްރާބުން ވެސް ހުވަދޫ ކަނޑާއި ލ. އަތޮޅުގެ އެ ބިތުގެ ފަރުތަކާއި ހުވަދުއަތޮޅު އުތުރުބުރީގެ އެ ބިތުގެ ފަރުތައްވެސް ބަލާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި އޮޕަރޭޝަންގައި ގެއްލިފައިވާ މީހުން ހޯދުމަށްޓަކައި މޯލްޑިވިއަން އެއާ ކްރާފްޓްގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ޓީބީ-2 ޑްރޯންސް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އޮސްޓްރޭލިޔާއިން ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ބޭނުންކޮށްގެން ވެސް ގެއްލުނު މީހުން ހޯދުމަށް މަސައްކަތް ކުރި ކަމަށް ބުންޏެވެ.

މީގެ އިތުރުން ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމަށް ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި އެމެރިކާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި އެގޮތުން އެމެރިކާ ނޭވީގެ ޕީ-8 މަތިންދާބޯޓެއް ފޮނުވައިގެން ހުވަދޫ ކަނޑުގެ މަތިން 6300 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް އިއްޔެ ބަލާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު މި ދޯނިން ގެއްލިފައިވާ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑައެވެ. އަދި ހުވަދޫ ކަނޑަށް އެ ދޯނި ފެތިފައިވާ ސަރަހައްދު 1600 މީޓަރަށް ވުރެ ފުންވާނެ ކަމަށް ބެލެވޭ އިރު، މިއީ އިންސާނުންނަށް ޑައިވިން ކޮށްގެންދެވޭ ފުންމިނެއް ނޫން ކަމަށާއި އަދި މިއީ ބޭރު ގައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަނގުރާމައިގެ ކޮންވެންޝަނަލް އަދި ނިޔުކްލިޔާ ސަބްމެރިން ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫން ކަމަށް ބުންޏެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ އެ ހާދިސާ ހިނގިތާ 11 ދުވަސް ފާއިތުވެގޮސްފައި ވާއިރު، ހާދިސާގައި ނުފެނިފައިވާ ތިން މީހުން ހޯދުމަށް ޓަކައި އިއްޔެ އިރުއޮއްސި 6:00ގެ ނިޔަލަށް ވައިގެ މަގުން 17,220 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފައިވާ ކަމަށާއި އެ ސަރަހައްދުގެ ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފައިވާ ކަމަށް ވެސް ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *