މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީގެ ބަޔެއް ރައްޔިތުންނާ، އެމްޑީީޕީގެ ރައީސް އަބްދުﷲ ޝާހިދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އައްޑޫ ސިޓީގެ ބައެއް ރައްޔިތުންނާ ބައްދަލު ކުރައްވައި އައްޑޫގެ ތަރައްޤީއާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.
ޝާހިދު ވިދާޅުވީ، މި ބައްދަލުވުމުގައި އައްޑޫގެ ތަރައްޤީއާއި، އެމްޑީޕީގެ ވެރިކަމަކަށް އައްޑޫ ރައްޔިތުން ކުރާ އުންމީދުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވުނު ކަމަށެވެ. އަދި އައްޑޫގެ މުސްތަޤުބަލާ މެދު އެ ބޭފުޅުންގެ ހުރި ތަސައްވަރުތައް އޮޅުންފިލުއްވި ކަމަށްވެސް ވިދާޅުވިއެވެ،
ޝާހިދު އިތުރަށް ވިދާޅުވީ، އައްޑޫ ސިޓީގެ ރައްޔިތުން މިއަދު އެދިތިބީ އެމްޑީޕީގެ ވެރިކަމަކަށް ކަމަށެވެ. އައްޑޫގެ ރައްޔިތުން ބޭނުންވަނީ ހަގީގީ ތަރައްޤީ ކަމަށާއި، އެ ތަރައްޤީ އައްޑޫއަށް ގެނެސްދެވޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށްވެސް ވިދާޅުވިއެވެ.
މި ބައްދަލުވުމަކީ ކުރިއަށް އޮތް ތަނުގައި އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކޮށް، ރައްޔިތުންގެ މެދުގައި ޕާޓީގެ ތާއީދު އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. ޝާހިދު ވަނީ އައްޑޫގެ ތަރައްޤީގެ ރައުޔު ބައްޓަން ކުރުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ މުހިންމު ދައުރެއް އަދާކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.





