ޒުވާނުންގެ އަޑު އަހައިގެން ނޫނީ ގައުމު ކުރިއަކަށް ނުދާނެ: ޝާހިދު

ޒުވާނުންގެ އަޑު އަހައިގެން ނޫނީ ގައުމު ކުރިއަކަށް ނުދާނެ: ޝާހިދު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާއި ގައުމުގެ ހާލަތާ ގުޅޭގޮތުން ޒުވާނުންގެ ތެރެއިން ބަޔަކާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާއި، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ނިކުންނަ ނަތީޖާތަކާ ބެހޭގޮތުން ޒުވާނުންނާ އެކު ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލު ކުރެވުނު ކަމަށެވެ.

ޝާހިދު ފާހަގަ ކުރެއްވި ގޮތުގައި ކޮންމެ ގައުމެއްވެސް ކުރިއަރައިދާނީ އެ ގައުމެއްގެ ޒުވާނުންގެ އަޑު އަހައިގެންނެވެ. އަދި ގައުމުގެ މިހާރުގެ ހާލަތު ބަދަލު ކުރުމުގެ ތޫނު ވިސްނުމާއި، ފިކުރާއި، މަސައްކަތުގެ ވައްޓަފާޅި ޒުވާނުންގެ ކިބައިގައި ހުރިކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

"ޙާލަތު ބަދަލުކު ރުމުގެ ވިސްނުމާއި ފިކުރާއި، ވައްޓަފާޅީގެ އިތުރުން ޒަމާނީ ވަސީލަތްތަކުގެ އެހީގައި ކަންކަން ކުރުމުގެ ހުނަރު ޒުވާނުންގެ ހުރޭ. މަޝްވަރާއިންވެސް އެކަން އެނގިގެން ދިޔަ،" ޝާހިދު ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ އިގްތިސާދީ އަދި ސިޔާސީ ހާލަތާ މެދު އާންމުންގެ، ހާއްސަކޮށް ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ދެނެގަތުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ބެލެވެއެވެ. އެމްޑީޕީން ދަނީ މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *