ކައުންސިލަށް ބަދަލު ނުދީ ބިންތައް ސަރުކާރަށް ނެގޭ އިސްލާހު އަނބުރާ ގެންދަން ގޮވާލައި ޕެޓިޝަނެއް

ކައުންސިލަށް ބަދަލު ނުދީ ބިންތައް ސަރުކާރަށް ނެގޭ އިސްލާހު އަނބުރާ ގެންދަން ގޮވާލައި ޕެޓިޝަނެއް

އެއްވެސް ބަދަލެއް ދިނުމަކާނުލައި އަދި ކަސުންސިލް ތަކުގެ ބަހެއް ހޯދުމަކާނުލައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިމާއި ތަންތަނުގައި އިހްތިސާސުން ވަކި ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވި ބިލް އަނބުރާ ގެންދިއުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބުރާސްތފަތި ދުވަހު ހުށަހަޅައިގެން، ޕެޓިޝަން އާއްމު ކުރަން ބޭނުންވާ ފަސް ބޭފުޅުންގެ ސޮޔާއެކު މަޖިލިސް ވެބްސައިޓްގައި ސޮއިކުރަން އާއްމުކޮށް ހުޅުވައިލި މި އީ ޕެޓިޝަނަށް މިހާތަނަށް 127 މީހުންގެ ސޮއި ވަނީ ލިބިފައެވެ.

ސަރުކާރުގެ ފަރާތުން ފޮނުވައިގެން ތުޅާދޫ ދާއިރާގެ އަމިއްލަ ކަމަށްބުނާ މެންބަރު އަބްދުލްހައްނާނު މާދަމާ މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ މި ބިލާބެހޭ ގޮތުން އަމިއްލަ ފަރާތަކުން ޝާއިއު ކޮށްފައިވާ މި ޕެޓިޝަންގައި ބުނެފައިވެނީ، ގާނޫނަށް އިސްލާހު ގެންނަން އެބިލުގައި ހުށަހަޅާފައިވާ ކަންކަމުގެ އާހިރު ނަތީޖާ އަކީ ރައްޔިތުންގެ ވޯޓަކުން ހޮވާ ކައުންސިލަރުންގެ ބާރު ކެނޑި އެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބުން ކަމަށެވެ.

އެއާއެކު އެ ބިލުގައިވާ އިސްލާހުތަކުން ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކާ ދެކޮޅު ހަދާކަމަށް ނުވަތަ އެއްބާރުލުން ނުދޭ ކަމަށް ބުނެ ރައްޔިތުން ތަމްސީލު ކުރަން ވޯޓަކުން ހޮވާފައިވާ ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ފުރުސަތު ލިބިގެންދާ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ރައްޔިތުންގެ ފަރާތުން ކަންކަމުގައި ބަސްބުނުމުގެ ހައްގުވެސް ހަނިވާތީ، އެ އިސްލާހު ތަކަކީ ލާމަރުކަޒީ ގާނޫނު އަދި އެ ގާނޫނުގެ ރޫހާ ހިލާފު އަދި ބާރު އެބައެއްގެ ފަރާތުން ފެށިގެން އަންނަ ރައްޔިތުންގެ ބާރު ހަނި ކުރާނެ އިސްލާހު ތަކަކަށް ވާތީވެ މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ ކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ.

ގާނޫނަށް އެ އިސްލާހުތައް ގެނައުމުގެ މައިގަނޑު ސަބަބެއްކަމަށް ބިލުގައި ބުނެފައި ވަނީ، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރު ކުރުމެވެ.

މީގެ އިތުރުން ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއާތުތައް ހަރުދަނާކުރުމަށްޓަކައި، ގާނޫނަށް ގެންނަންޖެގޭ އިސްލާހުތައް ގެނައުން، މި އިސްލާހު ގެންނަންޖެހޭ ސަބަބުތަކުގެ ގޮތުގައި ވަނީ ފާހަގަ ކޮށްފައެވެ.

ކައުންސިލް މެންބަރުގެ ސުލޫކީ މިންގަޑު ކަނޑައަޅާފައިވަނީ، ލާމަރުކަޒީ ގާނޫނުގެ 16 ވަނަ ބާބުގައެވެ.

އެގޮތުން ކައުންސިލް މެންބަރުން މަސައްކަތުގައި ގެންގުޅެންޖެހޭ އާއްމު އުސޫލު ކަމަށް ހަތް ކަމެއް ކަނޑައަޅައި، ކައުންސިލަރުންނަކީ، އެ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، އެ އުސޫލުތައް ނަގަހައްޓާނެ މީހުން ކަމަށް އެ ބާބުގައި މިހާރު އޮތީ ބަޔާން ކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނޭ ހަތް ކަންތައް:

  • ގާނޫނުން ކައުންސިލްތަކާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކަށް އަހުލުވެރިވެފައިވާ ބަޔަކަށްވުން
  • ކައުންސިލްގެ ތަސައްވުރު ކާމިޔާބުކަމާއެކު ހާސިލުކުރުމަށްޓަކައި އިހްލާސްތެރިކަމާއި ވަފާތެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށްވުން
  • ކައުންސިލްގެ ހިދުމަތް ލިބިގަންނަ މީހުންނާ މުއާމަލާތު ކުރުމުގައި އިހްލާސްތެރިކަމާއި އަބުރުވެރިކަމާއެކު ކައުންސިލްގެ ހިދުމަތުގެ ދާއިރާގައި އަމަލުކުރެވޭ ހަމަތަކުގެ ތެރޭގައި، ފަރުވާތެރިކަމާއެކު ހިދުމަތްދޭ ބަޔަކަށްވުން
  • ކައުންސިލްގެ ހައިސިއްޔަތާއި ގަދަރު ދެމެހެއްޓުމުގެ ގޮތުން ހިފަހައްޓަންޖެހޭ ހަމަތަކާއި އުސޫލުތައް ހިފަހައްޓާ ބަޔަކަށްވުން
  • ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ދައުލަތުގެ މުދަލަށް ރައްކާތެރިވާ ބަޔަކަށްވުން

ކައުންސިލްގެ މުދަލާއި ވަސީލަތްތަކާއި ހިދުމަތްތައް ބޭނުން ކުރުމުގައި އިގްތިސާދު ކުރުމާއެކު، އެންމެ ފައިދާހުރި ގޮތުގައި ރަސްމީ ބޭނުން ތަކަށް ނުވަތަ ހުއްދަ ކުރެވިފައިވާ ބޭނުންތަކަށް އެ އެއްޗެހި ބޭނުންކުރާ ބަޔަކަށްވުން

ކައުންސިލްގެ އިދާރާގެ ރަސްމީ ވަގުތުތައް، ރަސްމީ ވާޖިބުތައް އަދާކުރުމަށް ހޭދަކުރާ ބަޔަކަށްވުން

ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައި، އެ ކަންކަމުގެ ތެރެއަށް ކައުންސިލް ނިސްބަތްވާ ސިޓީ ނުވަތަ ރަށުގެ ރައްޔިތުންގެ ޖަމާއީ މަންފާއަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް ފުރިހަމަ އެއްބާރުލުން ދިނުން، އެ މާއްދާއަށް އިތުރު ކުރާ އަކުރެއްގެ ގޮތުގައި ހިމަނަން ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރުން ކައުންސިލް މެންބަރުން ކޮށްގެން ނުވާނެ ފަސް ކަމެއްވެސް އެ ބާބުގައި މިހާރު ކަނޑައަޅާފައި އޮވެއެވެ.

އެ ފަސް ކަމަކީ:

  • ކައުންސިލްގެ އިދާރީ ހިންގުން ނުވަތަ ހިދުމަތެއް ހުއްޓާލުން ނުވަތަ ހުއްޓުވާލުން ނުވަތަ ހުއްޓުވާލުމަށް މަސައްކަތް ކުރުމާއި އަދި އެއިން ކަމަކަށް ބުރޫއަރާފަދަ އަމަލުތަކާއި ކައުންސިލްގެ މަސްލަހަތު ގެއްލޭފަދަ އަމަލުތަކާއި ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ގެއްލޭފަދަ އަމަލެއް ކުރުން
  • ކައުންސިލް މެންބަރެއްގެ ހައިސިއްޔަތުން ލިބޭ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކުރުން
  • އަމިއްލަ ނުވަތަ އާންމު ފަރާތްތަކަށް ކައުންސިލުން ދޭ ހިދުމަތަކާ ގުޅޭގޮތުން، އެ ހިދުމަތުގެ ބަދަލެއްގެ ގޮތުން އެއްވެސް ފަރާތަކުން ދޭ އެއްވެސް އެއްޗެއް ގަބޫލު ކުރުން
  • ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމުގެ ގޮތުން އެއްވެސް އަމަލެއް ކުރުން
  • އެއްވެސް ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ އަމިއްލަ ބޭނުމެއް ހާސިލު ކޮށްދިނުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރުން

މި ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާގައިވާ ބިލުގައި، އެ ފަސް ކަމުގެ ތެރެއަށް، ސަަރުކާރުން ކުރިއަށްގެންދަން ބޭނުންވާ މަޝްރޫއުތަކަށް މަގުބޫލު ސަބަބެއް ނެތި ހުރަސްއެޅޭ ފަދަ ގޮތަކަށް ކައުންސިލް މެންބަރުން އަމަލު ކުރުން، ނުވަތަ އެފަދަ މަޝްރޫއުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމުން، އިތުރުކުރަން ވަނީ ހުށަހަޅައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *