މާލޭގައި މިހާރު ކުރިއަށްދާ 14 ވަނަ "މޯލްޑިވްސް ލިވިންގ އެކްސްޕޯ" އިން ރާއްޖޭގެ އަމިއްލަ ވިޔަފާރިތައް ކުރިއަރަމުންދާ މަންޒަރު ފެނުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި މައުރަޒަށް ޒިޔާރަތް ކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހައިރައިޒްގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ މި މައުރަޒާ ގުޅޭގޮތުން ޝާހިދު ވިދާޅުވީ، މިއީ ގެދޮރުވެރިންނާއި، ޑިވެލޮޕަރުން އަދި ހައުސިންގ ދާއިރާގެ އެކި ވިޔަފާރިތައް އެއްތަނަކުން ބައްދަލުވުމަށް ހުޅުވާލެވުނު ވަރުގަދަ މަސައްކަތެއް ކަމަށެވެ. އަދި މި ދާއިރާއިން ދިވެހިންގެ ފަރުމާ ކުރުންތަކާއި ބިނާކުރުމުގެ ދާއިރާގައި ހުރި ފުރުސަތުތައް ވަރަށް ބޮޑުކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.
"ދިވެހި ޑިޒައިންތަކަށާއި ކޮންސްޓްރަކްޝަން ދާއިރާއަށް މިއީ އުއްމީދީ ކުރިއެރުންތަކެއް ފެނިގެންދާނެ ކަމެއް،" ޝާހިދު ވިދާޅުވިއެވެ.
މި މައުރަޒަކީ ރާއްޖޭގެ ރިއަލް އެސްޓޭޓް ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު ވިއްކާ ފަރާތްތަކުން އެމީހުންގެ އުފެއްދުންތައް އާންމުންނަށް ދައްކާލުމަށް ބާއްވާ އެންމެ ބޮޑު އެއް މައުރަޒެވެ.

މިއަހަރުގެ މައުރަޒުގައިވެސް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގިނަ ކުންފުނިތަ ކަކުން ބައިވެރިވެ، އެ ފަރާތްތަކުގެ މަޝްރޫއުތަކާއި ހިދުމަތްތައް ދަނީ އިޝްތިހާރު ކުރަމުންނެވެ.






