ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މޭޔަރުކަމުގައި މާލެ ސިޓީ ކައުންސިލުން ހިންގި ޑިޖިޓަލައިޒޭޝަން މަޝްރޫއަކާ ގުޅުވައި، ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ކުރެއްވި ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގެއްކަން އެ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) މުޖުތަބާ ޖަލީލު ވިދާޅުވެއްޖެއެވެ.
މި މައްސަލައަކީ ރައީސް މުޢިއްޒުގެ މޭޔަރު ކަމުގައި ކައުންސިލްގެ ލިޔެކިޔުންތައް ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި 9 މިލިއަނަށްވުރެ ގިނަ ރުފިޔާ، އެމަނިކުފާނުގެ ގާތް ބޭފުޅެއްގެ މަސްލަހަތު އޮތް ކުންފުންޏަކަށް ދީފައިވާ ކަމަށް ބުނެ ޒާޔާ ހުށަހެޅުއްވި މައްސަލައެކެވެ. މި މައްސަލަ އޭސީސީ މެދުވެރިކޮށް ތަހުގީގު ކުރުމަށް ސިޓީ ކައުންސިލުން ވަނީ ފާސްކޮށްފައެވެ.
ޒާޔާގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން، އެ މަޝްރޫއު ހިންގި ދުވަސްވަރު އެސްޖީގެ މަގާމުގައި ހުންނެވި މުޖުތަބާ ޖަލީލު ވިދާޅުވީ، އެ ކުންފުނިތަކާ ރައީސް މުއިއްޒާ ގުޅުމެއް ނެތް ކަމަށެވެ.
"އެކިއުޓައިޒް ޕްރައިވެޓް ލިމިޓެޑަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ އެއްވެސް ވަރަކަށް ގުޅުމެއް އޮތް ކުންފުންޏެއް ނޫންކަން ކަށަވަރުކޮށްދެން" މުޖްތަބާ ވިދާޅުވިއެވެ.
މުޖުތަބާ އިތުރަށް ތަފްސީލު ކޮށްދެއްވި ގޮތުގައި، މާލެ ސިޓީ ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއަކީ ކައުންސިލްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިންމު ކަމެކެވެ. އަދި އެ މަސައްކަތަކީ ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ކައުންސިލްގެ ތަޅުމުން ނިންމައި، އުސޫލުތަކުގެ ތެރެއިން އިއުލާން ކޮށްގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
2021 އިން 2023 ގެ ނޮވެމްބަރު މަހާ ހަމައަށް އެސްޖީގެ މަގާމު ފުރުއްވި މުޖުތަބާ ވިދާޅުވީ، މި ހަގީގަތްތައް ހާމަކުރެއްވީ ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. މި މައްސަލައިގައި ސިޓީ ކައުންސިލުން މިހާރު ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި މިކަން އޭސީސީން ތަހުގީގު ކުރުމަށް އަމުރު ކޮށްދިނުމަށް އެދުމަށް ނިންމާފައެވެ.






