ޗައިނާއަށް އެރި ތޫފާންގެ ސަބަބުން 2 މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

ޗައިނާއަށް އެރި ތޫފާންގެ ސަބަބުން 2 މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

ޗައިނާއަށް އެރި ބާރުގަދަ ތޫފާން "ބާވީ" ގެ ސަބަބުން ކުރިމަތިވި މޫސުމީ ބޮޑެތި ކާރިސާތަކާ ގުޅިގެން، އެގައުމުގެ ޒީޖިއާންގް ޕްރޮވިންސުން ގާތްގަނޑަކަށް ދެ މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ.

މި ތޫފާން އެއްގަމަށް އެރުމަށްފަހު އޭގެ ބާރުދެރަވި ނަމަވެސް، އޭގެ ބާކީ ހުރި އަސަރުތަކުގެ ސަބަބުން ޗައިނާގެ އުތުރުގައި އޮންނަ ހެބޭއި އަދި ލިއާއޮނިންގ ޕްރޮވިންސަށް ވަނީ އާދަޔާޚިލާފަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ބޮޑެތި ހާދިސާތަކެއް ކުރިމަތިވެފައެވެ.

ރިޕޯޓުތައް ބުނާގޮތުން، މި ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާ މިންވަރު ވަރަށް ބޮޑެވެ. ބައެއް މަގުތަކާއި އުޅަނދުފަހަރު ވަނީ ދެ މީޓަރުގެ ފުންމިނަށް ފެނުގެ އަޑިއަށް ގޮސްފައެވެ. މީގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ހުރަސްތަކެއް އެޅި، އެތައް ބައެއްގެ މުދަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މީހުން ސަލާމަތްކުރުމަށް ހަރަކާތްތެރިވާ ޓީމުތަކުން ދަނީ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމަށާއި، ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންނެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ އިތުރަށް މޫސުން ގޯސްވެދާނެކަމަށް ލަފާކޮށް، އާންމުން ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *