ހއ. ހޯރަފުށީގައި ހުންނަ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު (ކުޑަކުދިންގެ ހިޔާ)ގައި ތިބި ކުދިންތަކެއް، މީހަކު ރަހީނުކޮށް ހަމަލާދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ތިން ކުއްޖަކާ ގުޅޭގޮތުން، ރޭ ހިނގި ކަމަށް ރިޕޯޓު ކޮށްފައިވާ ހާދިސާއަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.
އެ ކުދިން އެ މަރުކަޒުން ނުކުމެ، އެ ރަށުގެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާ ހިނގާފައިވާ ގޮތް ދެނެގަތުމަށްޓަކައި ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ގެއެއްގެ ތެރެއިން މީހަކު ނެރެގެން އެންބިއުލަންސްއަށް ލައިގެން ގެންގޮސް ހޮސްޕިޓަލުގައި ފަރުވާދެމުންގެންދާ މަންޒަރެވެ.
އެކަމާ ގުޅުންހުރި އިތުރު މައުލޫމާތެއް ޖެންޑާ މިނިސްޓްރީންނާއި އަދި ހޯރަފުށި ކައުންސިލުން ލިބިފައެއް ނުވެއެވެ.






