ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ސެގްމެންޓު 4 އަދި 5ގައި ތާރު އަޅަން ފަށައިފިއެވެ. އެއީ، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް އޮންނަ ސަރަޙައްދެވެ.
ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު މަސައްކަތް ކުރަމުން ދަނީ، ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓެއްގެ މަސައްކަތެވެ. އެއީ، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ ސަރަޙައްދެވެ.
މި މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވީ މި މަސައްކަތުގެ ތެރެއިން ސެގްމަންޓް 4 އަދި 5 ގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެއީ، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާއި ހަމައަށް އޮންނަ ސަރަޙައްދެވެ.
އެމްޓީސީސީން ވިދާޅުވީ، ޚާރިޖީ ވުޒާރާއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާ ތެރޭގައި ފަށާނެ ކަމަށެވެ.
މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން އެ ސަރަޙައްދުގެ އެއްގަމު ތޮށި ތަރައްޤީ ކޮށްފައިވަނީ، މަގު އިތުރަށް ފުޅާކޮށްގެންނެވެ. މި މަގު ތަރައްޤީ ކުރަނީ، ޒަމާނީ ފެން ހިންދާ ނިޒާމަކާއެކުއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ، މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ޖޫންމަހަށް ނިންމުމަށް މަސައްކަތް ކުރިނަމަވެސް އެކި ސަބަބުތަކާ ހުރެ މުޅި މަޝްރޫޢުގެ މަސައްކަތް ނިމޭނެ ކަމަށް މިހާރު އެމްޓީސީސީން އަންދާޒާކޮށްފައިވަނީ މިމަހުގެ 26އަށެވެ.
މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މީގެކުރިންވަނީ ޢިއްޒުއްދީން މަގުން ފެށިގެން ހެންވޭރު ޓަރމިނަލްއާއި ހަމައަށް ތާރުއަޅައިގެން ތަރައްޤީކޮށްފައެވެ. މިހާރު ކުރިއަށްގެންދާ މަސައްކަތްތަކާއެކު ހެންވޭރު ޓަމިނަލުން ފެށިގެން މާލޭ ނޯތު ހާބަރާއި ހަމައަށް ތަރައްޤީކޮށް ނިންމުމަށް ހަމަޖެހިފައިވެއެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަގުގައި މިހާރު ކުރިއަށްދާ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު ނޯތު ހާބަރުން ފެށިގެން އަމީނީ މަގު ނިމޭ ހިސާބަށް މިހާރު ތަރައްޤީނުކުރެވި އޮތް ދަރުމަވަންތަ ހޮސްޕިޓަލް ސަރަޙައްދުގެ ބޭރު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.






