ކެންސަރު ބައްޔަށް ފަރުވާކުރުމަށް ބޭނުންކުރާ ބޭހެއް ކަމަށްވާ "ޑާޒަލެކްސް"ގެ ނަކަލުކޮށްފައިވާ ބެޗުތަކެއް ދިވެހިރާއްޖެއަށް އެތެރެކޮށްފައި ވަނިކޮށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ހޯދައި، އެ މައްސަލަ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ)ގެ ސަމާލުކަމަށް ގެނެސްފިއެވެ.
މި މައްސަލަ ފެންމަތިވީ، ބަލިމީހަކު އަމިއްލަ ބޭނުމަށް ރާއްޖެއިން ބޭރުން ގެނައި މި ބޭހާ މެދު ޝައްކު އުފެދޭ ކަންތައްތަކެއް ފާހަގަކުރެވިގެންނެވެ. އެމްއެފްޑީއޭއިން ޑަބްލިއުއެޗްއޯއަށް މިކަން ރިޕޯޓުކުރުމާ ގުޅިގެން، ބޭސް އުފައްދާ އަސްލު ކުންފުންޏާ އެކު ކުރެވުނު ތަޙުޤީޤުތަކުން ކަށަވަރުވެފައި ވަނީ މިއީ އެ ކުންފުނީގެ އުފެއްދުމެއް ނޫންކަމާއި، މިއީ ވަގަށް ތައްޔާރުކޮށްފައިވާ އެއްޗެއްކަމެވެ.
މި ހޯދުމާ އެކު ބައިނަލްއަޤުވާމީ ފެންވަރުގައި ކުރެވުނު މަސައްކަތުން، މި ފޭކު ބޭސް މެކްސިކޯއަށް ވެސް އެތެރެކޮށްފައިވާކަން ވަނީ ހާމަވެފައެވެ. ރާއްޖެއިން ފެނުނު އިންޖެކްޝަންތަކުގައި އެކުލެވިގެން ވަނީ ކޮން މާއްދާތަކެއްތޯ ޔަޤީންކުރުމަށްޓަކައި، އަސްލު ކުންފުނީގެ ލެބޯޓަރީއަށް ސާމްޕަލް މިހާރު ވަނީ ފޮނުވިފައެވެ. ޑަބްލިއުއެޗްއޯއިން ނެރުނު އިންޒާރުގައި ބަޔާންކޮށްފައިވާ ގޮތުން، މި ނުރައްކާތެރި ބޭހުގެ ސަބަބުން ބަލިމީހުންގެ ފުރާނައަށް ގެއްލުންވެ، ސިއްޙީ ފަރުވާގެ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުން އެކަށީގެންވެއެވެ.
"ޑާޒަލެކްސް" އަކީ އާންމުގޮތެއްގައި ކަށީގެ މަދުގެ ކެންސަރު ނުވަތަ "މަލްޓިޕަލް މައިލޯމާ" އާއި ލޭގެ ބަލިތައް ކަމަށްވާ "އެމިލޮއިޑޯސިސް" އަށް ފަރުވާދިނުމަށް ބޭނުންކުރާ މުހިންމު އެންޓިބޮޑީއެކެވެ. ޑަބްލިއުއެޗްއޯއިން ހާމަކުރިގޮތުގައި، ޖޭންސެން ކުންފުނީގެ އުފެއްދުމެއްގެ ގޮތުގައި ލޭބަލްކޮށްގެން ވިއްކަމުންދާ "އެމްވައިއެސް7381″ އަދި "އެސްޓީވީ1ކޭ01″ ނަންބަރު ޖަހާފައިވާ ބެޗުތަކަކީ އެއްވެސް ހާލަތެއްގައި ބޭނުންކުރުން ރައްކާތެރި ތަކެއްޗެއް ނޫނެވެ.





