ޚިދުމަތްތައް ފުޅާކޮށް ހިތުގެ ބަލީގެ ހުރިހާ ފަރުވާއެއް ދިނުމަކީ އަމާޒެއް: ހަލީމް

ޚިދުމަތްތައް ފުޅާކޮށް ހިތުގެ ބަލީގެ ހުރިހާ ފަރުވާއެއް ދިނުމަކީ އަމާޒެއް: ހަލީމް

ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ހިތުގެ ބަލިތަކާ ގުޅޭ ހުރިހާ ފަރުވާއެއް އެސެންޓަރުގައި ފެށުމަށް މަސައްކަތްކުރަމުންދާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ވަނީ ހިތުގެ ބަލިތަކަށް ފަރުވާދިނުމުގައި އައިޖީއެމްއެޗުން މިހާތަނަށް މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާކަަން ފާހަގަކުރައްވާފައެވެ.

ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ މެދުކެނޑުމެއް ނެތިކުރަންޖެހޭ މުހިންމު މަަސައްކަތެއްކަން ފާހަގަކުރައްވާ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވަނީ، މިދާއިރާއިންދޭ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ކުރައްވާ މަސައްތްތަކާއި އަމާޒުހިފާ ކަންކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޤައުމީ ފެންވަރުގައި ކާޑިއެކް ސަރޖަރީ ޚިދުމަތް ޤާއިމްކޮށް، ފެންވަރު ރަނގަޅު ޚިދުމަތެއް ކާޑިއެކް ސެންޓަރުން ފޯރުކޮށްދޭން މަސައްކަތްކުރެވެމުންދާކަމަށް ވިދާޅުވިއެވެ.

ހިތުގެ ފަރުވާގެ ނިޒާމް ފުޅާކުރުމާއި، އަތޮޅުތެރޭގެ ޚިދުމަތްތައް ހަރުދަނާކުރުމާއި، ޑިޖިޓަލް ހެލްތާއި އޭއައި މެދުވެރިކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ލަނޑުދަނޑިއެއްކަމަށް ސީއޯ ވިދާޅުވިއެވެ. ހަމައެހެންމެ ހިތުގެ ފަރުވާ ހޯދާމީހުން ދެނެގަނެވޭނެ ފަދަ، ޤައުމީ ފެންވަރުގެ ދަފްތަރެއް ޤާއިމްކުރުމާއި، އިންސާނީ ވަސީލަތްތައް އިތުރުކޮށް ހަރުދަނާކުރުމާއި، ކްލިނިކަލް އުސޫލުތައް ހަރުދަނާކުރުމަކީ އުއްމީދެއްކަމަށް ސީއޯވަނީ ވިދާޅުވެފައެވެ. އެ ދާއިރާއިން ބައިނަލްއަޤުވާމީ އިދާރާތަކާއި އެކު ގުޅުންބަދަހިކުރުމަކީ އަމާޒެއްކަމަށްވެސް ސީއީއޯ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ތަސައްވުރަކީ ފަރުވާ އާއިއެކު ތައުލީމާއި ދިރާސާކުރުމާއި އާ އީޖާދުތަކާއި އެކު ބަލިތަކުން ރައްކާތެރިވުމުގައި ވަށާޖެހޭ ނިޒާމެއް ޤާއިމްކުރުން." މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.

ނޭޝަނަލް ކާޑިއެކް ސެންޓަރގެ ޚިދުމަތް ހަރުދަނާކުރުމަށް އުމްރާނީ ވަސީލަތްތައް އިތުރުކުރުމާއި، ޒަމާނީ ވަސީލަތްތައް ހޯދުމާއި، ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަބަދުވެސް ޚާއްސަ އިސްކަމެއް ދެއްވާކަމަށް ސީއޯ ވަނީ ވިދާޅުވެފައެވެ. ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު ޚާއްސަ އިސްކަމެއް ދެއްވާކަމެއް ކަމަށާއި އެ ދާއިރާ އަށް ބޭނުންވާ އުމްރާނީ ކުރިއެރުމާއި، މީހުން ބިނާކުރުމުގެ އިތުރުން ދެމެހެއްޓެނެވި ވަށާޖެހޭ ޚިދުމަތެއް ޤާއިމްކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށް ސީއޯ ފާހަގަކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *