ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އާންމު ރައްޔިތުންނަށް ދޫކޮށްފައިވާ އަމިއްލަ ބިންތަކުގައިވެސް އެކި ކަހަލަ ޚިދުމަތްތައް ދެވޭނެ ގޮތަށް ހެދުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށް ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަޝްރޫޢު ނިންމައި އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގެދޮރުވެރިކަމާ ބެހޭ ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލޭގެ ދެވަނަ އަދި ތިންވަނަ ފިޔަވަހިން މާލޭގެ ރައްޔިތުންނަށް ދެހާހަށްވުރެ ގިނަ ގޯތި ދޫކޮށްފައިވެއެވެ. މިހާރު އެ ބިންތަކަކީ ހަމައެކަނި ދިރިއުޅުމަށް ބޭނުންކުރެވޭ ގޮތަށް ހުރި ބިންތަކެއް ނަމަވެސް، މާލެއެކޭ އެއްގޮތަށް އެ ތަންތަނުގައި ޕްރައިވެޓް ސެކްޓަރުން އިންވެސްޓުކޮށްގެން ޚިދުމަތްތައް ދެވޭނެ މަގު ފަހިކޮށްދިނުމަކީ މުހިންމު ކަމެކެވެ. މީގެ ސަބަބުން ބިން ލިބިފައިވާ ފަރާތްތަކަށް މާލީ ފައިދާވުމުގެ އިތުރުން، ހުޅުމާލޭގެ އިޤްތިޞާދު ތަނަވަސްވެ، އައު ވަޒީފާތަކާއި ވިޔަފާރިތައް އުފެދިގެންދާނެއެވެ.
ޑރ. މުއްޠަލިބު ވިދާޅުވީ، މިވަގުތު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޕްރައިވެޓް ހޮސްޕިޓަލެއް ފަދަ ތަނެއް އަޅަން ބަޔަކު ބޭނުންވި ނަމަވެސް، އެކަން ކުރެވެން އޮތީ އެޗްޑީސީން ވަކިން ބިމެއް ދީގެން ކަމަށެވެ. އެހެންކަމުން ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތަކުގައިވެސް މިފަދަ ޚިދުމަތްތައް ދިނުމުގެ ފުރުޞަތު ފަހިކޮށްދީ، ބިންތައް އެކަށީގެންވާ ގޮތެއްގައި ބޭނުންކޮށްގެން ރައްޔިތުންނަށް ފަސޭހަކަމާއި ލުއިކަން ހޯދައިދިނުމެވެ. މިކަމަށްޓަކައި ސަރުކާރުން ޕްރައިވެޓް ސެކްޓަރާ ގުޅިގެން ޚާއްޞަ ޕްލޭންތަކެއް އެކުލަވާލާނެއެވެ.
މީގެ އިތުރުން، ހިޔާ ޓަވަރުތަކުގެ ދެ ކޮޓަރީގެ ފްލެޓުތަކުގައި ދިރިއުޅޭ ގިނަ އާއިލާތަކެއްގެ ހާލަތު ބަދަލުވެ، ދަރިން ގިނަވުމުގެ ސަބަބުން ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާކަން ވަޒީރު ގަބޫލުކުރައްވައެވެ. އެ ފަރާތްތަކަށް އެއަށްވުރެ ތަނަވަސް ދިރިއުޅުމަކަށް ބަދަލުވުމުގެ ފުރުޞަތު މިވަގުތު ތަނަވަސްވެފައި ނެތް ނަމަވެސް، ކުރިއަށްއޮތްތާނގައި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ މިހާރު ފްލެޓުތަކުގައި އުޅޭ ފަރާތްތަކުގެ ދިރިއުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ފުރުޞަތު ފަހިވާނެފަދަ ގޮތްތަކަށް ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.






