ރަސްމާލެ ޑިޒައިންކޮށް މާސްޓަޕްލޭން ހަދައިދޭނެ ބަޔަކު އަނެއްކާވެސް ހޯދަނީ

ރަސްމާލެ ޑިޒައިންކޮށް މާސްޓަޕްލޭން ހަދައިދޭނެ ބަޔަކު އަނެއްކާވެސް ހޯދަނީ

މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއު, ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ނަމުގައި ބިމެއް ތަރައްގީކުރުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން އެ ތަން ޑިޒައިންކޮށް މާސްޓާ ޕްލޭނެއް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން އަނެއްކާވެސް އިއުލާންކޮށްފި އެވެ.

ސަރުކާރުން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުވެސް ރަސްމާލެ ޑިޒައިންކޮށް, ޑީޓެއިލް މާސްޓަ ޕްލޭނެއް ތައްޔާރު ކޮށްދޭނެ ކޮންސެލްޓެންޓެއް ހޯދަން އިއުލާންކޮށްފަ އެވެ. އެ ފަހަރު އެ އިއުލާން ނެރުނީ ފިނޭންސް މިނިސްޓްރީންނެވެ.

ނަމަވެސް ހައުސިން މިނިސްޓްރީން މިއަދު ވަނީ ރަސްމާލެ ޑިޒައިންކޮށް, މާސްޓަޕްލޭން ތައްޔާރުކުރުމުގެ ކޮންސަލްޓަންސީ ހިދުމަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފަ އެވެ.

އެ އިއުލާނުގައި ބުނީ, ބީލަމަށް ޕްރޮޕޯސަލް ތައްޔާރުކުރުމުގައި އިތުރު މައުލޫމާތެއް ނުވަތަ ސާފުކުރަން ބޭނުންވާ ކަމެއްވާ ނަމަ, އަންނަ އާދީއްތަ ދުވަހު މެންދުރުފަހު 2:00ގެ ކުރިން [email protected] އީ-މެއިލް ކުރުމަށް އެދޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ބީލަން ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހު ހެނދުނު 10:00 ގައި މިނިސްޓްރީގެ އިދާރާ ހިންގާ ދަރުބާރުގޭގައެވެ. އަދި ބީލަން ހުށަހެޅޭނީ ކުންފުނިތައް ރަޖިސްތްރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށާއި ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޯޕަރޭޓިވްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް ބުނެފައިވެ އެވެ.

އިއުލާނުގައިވާ ގޮތުން, 250,000ރ. ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހެ އެވެ. އަދި ބީލަން ކާމިޔާބުވުމަށްފަހު ބީލަން ކެންސަލްކޮށްފި ނަމަ ބިޑް ސެކިއުރިޓީ ދައުލަތަށް ނެގޭނެ ކަމަށާއި ބީލަމުގެ އަގު 500,000ރ. އަށްވުރެ ބޮޑު ނަމަ, ސަރުކާރު ގަބޫލުކުރާ ބޭންކަކުން ޕާފޯމަންސް ގެރެންޓީއެއް ހުށަހަޅަންޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ވިޔަފާރި އުފެދުނުތާ އަހަރެއް ނުވާ ފަރާތްތަކުން ބޭންކް އެކައުންޓް ސްޓޭޓްމަންޓް ހުށަހަޅަން ޖެހޭއިރު، އެކައުންޓުގައި މަދުވެގެން 100,000ރ. ހުންނަން ޖެހޭނެ އެވެ. މީގެ އިތުރުން ފާއިތުވި ތިން އަހަރުގެ މާލީ ބަޔާންތައް ހުށަހަޅަން ޖެހެ އެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް ތަރައްގީކުރާ ރަސްމާލެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވީ 18 ޑިސެމްބަރު 2023 ގައެވެ. އެ މަޝްރޫއުގެ ދަށުން ފުށިދިއްގަރުފަޅުން 1,153 ހެކްޓަރު ހިއްކާއިރު, ބިން ހިއްކާނީ ކަނޑުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރު އަދި މެތަށް ތިން މީޓަރު އުސްމިނަށެވެ.

ރައީސް އޮފީހުގައި ޖޫން އެއްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ރަސްމާލެ ބިމުގެ 60 ޕަސެންޓް ވަރު މިހާރު ހިއްކާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *