ރާއްޖެއަށް ވަގަށް ސިގިރޭޓް އެތެރެކުރުން ހުއްޓުވާނެ އިތުރު ގޮތެއް ނުދައްކާ، ދިނގިރޭޓާއި ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ކުޑަކުރަން ގާނޫނު އިސްލާހު ކުރުމަކުން ވާނެ ފައިދާއެއް ނޯންނާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.
ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 50 ޕަސެންޓުން 30 ޕަސެންޓަށް އަދި ސިނގިރޭޓަކުންނާއި، ސްޓިކަކުން ނަގާ އަށް ރުފިޔާ ހަތަރު ރުފިޔާއަށް ކުޑަކުރަން، ސަރުކާރުގެ ފަރާތުން ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ފިއްޓޭ ވިދާޅުވީ، މިއީ ދުންފަތާބެހޭގޮތުން މިއަހަރުތެރޭގައި ގާނޫނަށް ގެނެވޭ އިންވަނަ އިސްލާހު ކަމަށެވެ.
"ދިވެހިންގެ ސިއްހަތު އެެހެން ގައުމުތަކަށްވުރެ މާބޮޑަށް ރަނގަޅުވެެގެން، ޑަބްލިއުއެޗްއޯ އިން އެންގީކީނޫން މިކަންކުރަން، މީގެކުރިން ޑިއުޓީ ބޮޑުކުރީ ދައުލަތަށް ގިނަ އާމްދަނީ ހޯދަން، ނަމަވެސް އެކަން ކާމިޔާބު ނުވީމަ ބަދަލުކުރަން މި ހުށަހެޅީ، އެންމެފަހުން ދައުލަތަށް ލިބެންޖެހޭ އާމްދަނީ ނުލިބުނީ،"
ފިއްޓެ ވިދާޅުވީ، ގާނޫނަށް އެ ބަދަލު ގެންނަން ޖެހުނީ، ދުންފަތާއި ސިނގިރޭޓްގެ އަގު ބޮޑު ކުރުމާ ގުޅިގެން، އާދަޔާ ހިލާފަށް ވަގު ސިގިރޭޓް ރާއްޖެއަށް އެތެރެވެގެންދިއުން ކަމަށެވެ. އޭގެ އިތުރުން ފޭކް ސިގިރޭޓް އެތެރެކޮށް މީހުންނަށް ބޮޑެތި ގެއްލުންތަކެއްވުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ފިއްޓެ ވިދާޅުވީ، މި ބަދަލު ގާނޫނަށް ގެނައި ނަމަވެސް، މިކަމުގެ އަސްލު މައްސަލަ ކަމަށްވާ، ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެ ކުރުން ހުހުއްޓުވޭނެ އިތުރު މަގެއް ނުދައްކައި، މިކަން މިހާރު ގޮއްސަ އޮތް ގޮތުން މައްސަލަ ހައްލު ނުވާނެ ކަމަށެވެ. އަދި ސަރުކާރަށް ލިބެންޖެހޭ ފައިސާވެސް ނުލިބޭނެ ކަމަށް ފިއްޓެ ވިދާޅުވިއެެވެ






