ފުލުހުންގެ މުއައްސަސާގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތްތަކަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް ފުލުހުންގެ ގާނޫނަށް ބަދަލު ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު ގާނޫނު ބައްޓަންވެފައި އޮތް ގޮތުން ރައްޔިތުންނަށް އެންމެ އެދެވޭ ގޮތުގައި ޚިދުމަތް ދިނުމަށް ބައެއް ދަތިތައް ކުރިމަތިވާ ކަމަށެވެ. އެހެންކަމުން، ފުލުހުންގެ މުއައްސަސާއިން ކުރާ ދިރާސާތަކަށް ފަހު، ޚިދުމަތް އަވަސްކޮށް ފުރިހަމަކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ކޮންމެ ބަދަލަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ފުލުހުންގެ އުމްރާނީ ތަރައްގީއަށް ކުރަން ނިންމާފައިވާ މުހިންމު މަސައްކަތްތަކެއްގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން، މާލޭގައި ޖާގަ ތަނަވަސް ޒަމާނީ މައި މަރުކަޒެއް ބިނާކުރުމާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފުލުހުންގެ ބޮޑު އިމާރާތެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ވިދާޅުވިއެވެ.
އަދި ދ. ވާނީގައި ހިންގާ ތަމްރީނު މަރުކަޒަކީ ދުނިޔޭގެ ފެންވަރުގެ ޒަމާނީ ވަސީލަތްތައް ހުރި ތަނަކަށް ބަދަލުކޮށް، އިސްކަންދަރުކޮށި 2ގެ މަސައްކަތްވެސް ނިންމަވާނެ ކަމަށް ވިދާޅުވިއެވެ.
ފުލުހުންގެ ވެލްފެއާ ކަންކަމަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ފުލުހުންނަށް ހާއްސަ ކޯޓާއެއް ކަނޑައަޅައި، އެއީ ފުލުހުންނަށް ދާއިމީކޮށް މިލްކުވާނެ ތަންތަން ކަމުގައި ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. މީގެ އިތުރުން، ފުލުހުންގެ މުވައްޒަފުންގެ އަދަދު އިތުރުކުރުމަށް ބޭނުންވާ ބަޖެޓުވެސް ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގައުމުގެ އަމަންއަމާންކަން ދެމެހެއްޓުމުގައި ފުލުހުން ވަމުންދާ ގުރުބާނީއަކީ ވަރުގަދަ ގައުމީ ހިދުމަތެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. އަދި ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި މުޖުތަމައުގައި ހުރި ނުރަނގަޅު އާދަތައް ނައްތާލުމަށް ފުލުހުން ކޮށްފައިވާ ބުރަ މަސައްކަތްތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ސަރުކާރުގެ ސިޔާސަތަކީ ފުލުހުންނާއި ސިފައިންގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންނަށް ރައްކާތެރި މުޖުތަމައެއް ކަށަވަރުކޮށްދިނުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.






