އދ. ހަންޏާމީދޫގައި ބަގީއަކާއެކު މޫދަށް ވެއްޓި ކުޑަކުއްޖަކު މަރުވި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އދ. ހަންޏާމީދޫ ބަނދަރު ސަރަހައްދުގައި އޮތް ބަގީއެއް ދުއްވި 14 އަހަރުގެ ކުއްޖަކު ބަގީއާއެކު މޫދަށް ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު އެ އިދާރާއަށް ރިޕޯޓު ކޮށްފައިވަނީ، އިއްޔެ ހަވީރު 5:10 ހާއިރުކަމަށެވެ.
މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ތަޅުދަނޑި ޖަހާފައި އޮތް ބަގީއަކަށް އެ ކުއްޖާ އަރައި، އެ ދުއްވުމުގެ ސަބަބުން ކަމަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ވަގުތު އެ ސަރަޙައްދުގައި ތިބި އާންމުން، ބަގީ ހިފަހައްޓައި ކުއްޖާ މޫދަށް ވެއްޓުނަ ނުދިނުމަށް މަސައްކަތް ކޮށްފައި ވާކަން ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ހާދިސާ ހިނގުމާއެކު، އެ ސަރަޙައްދުގައި ތިބި އާންމުން އެ ކުއްޖާ މޫދުން ނަގައި، ވަގުތުން ހަންޏާމީދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އެ ކުއްޖާ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ. އެ ކުއްޖާގެ ޖަނާޒާ ރޭ 12 ޖެހިއިރު ވަނީ ބާއްވާފައެވެ.





