އަތޮޅުތެރޭގެ ކުދިން ބައިނަލްއަޤުވާމީ މައިދާނުގައި ކާމިޔާބު ބަޔަކަށް ހަދައިދޭނަން

އަތޮޅުތެރޭގެ ކުދިން ބައިނަލްއަޤުވާމީ މައިދާނުގައި ކާމިޔާބު ބަޔަކަށް ހަދައިދޭނަން

އަތޮޅު ތެރޭގައި ތިބި ހުނަރުވެރި ކުޅުންތެރިން ނޭޝަނަލް ޓީމުތަކުގައި ރާއްޖެއިން ބޭރަށް ގޮސް ވިދާލާނެ ފަދަ ކުޅުންތެރިންނަށް ހެދުމަކީ އުންމީދެއް ކަމަށް ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މ.އަތޮޅު މުލަކުގައި އިމާރާތް ކުރި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވީ، ރާއްޖޭގައި ޤާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާވެ އެންމެން އެކުވެ މުނިފޫހި ފިލުވާލުމަށް މިމަރުކަޒުތައް ބޭނުންކުރެވޭނެ ކަމަށެވެ. އަދި މިތަންތަން ވާނީ ޞިއްޙީ ގޮތުން ދުޅަހެޔޮ އާބާދީއެއް ބިނާކުރެވި، އިޖުތިމާޢީ ގުޅުންތައް ވަރުގަދަކޮށްދޭނެ ތަނަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ޒުވާނުންނާއި ރައްޔިތުންނަށް ކުޅިވަރުގެ އެކި ހަރަކާތްތައް އިތުރުކޮށް ހެލިފެލިވެ އުޅުން އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރުމަށް ކުޅިވަރުގެ ވަސީލަތްތައް އިތުރުކުރުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ކުޅިވަރުގެ ވަސީލަތްތައް އިތުރު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މޮޅެތި ހުނަރުވެރި ކުދިން އެހެން ހަރުފަތަކަށް ގެންދިޔުން ކަމަށެވެ. އެކަން އެގޮތަށްކޮށް ނޭޝަނަލް ޓީމުތަކުގައި ރާއްޖެއިން ބޭރުގެ ޤައުމުތަކުގައި ތަމްސީލު ކުރާ ހިސާބަށް އަތޮޅުތެރޭ ކުދިން ގެންގޮސް، ބޭރު ޤައުމުތަކުގައި ވިދާލާނެ ކުޅުންތެރިންނަށް ހެދުމަކީ އުންމީދެއް ކަމަށް ވަޒީރު ރާފިއު ވިދާޅުވިއެވެ.

ފުރަތަމަ ބޭނުމަކީ މޮޅެތި ޓެލެންޓު ހުރި ކުދިން އިތުރު ހަރުފަތަކަށް ގެންދިޔުން. އެކަން އެގޮތަށްކޮށް ރާއްޖެއިން ބޭރުގެ ޤައުމުތަކުގައި ތަމްސީލު ކުރާ ހިސާބައް ގެންގޮސް، ނޭޝަނަލް ޓީމުތަަކަށް ރަށްރަށުގެ ކުދިން ގެންގޮސް އަދި ނޭޝަނަލް ޓީމުތަކުގައި ބޭރު ޤައުމުތަކުގައި ވިދާލާނެ ކުޅުންތެރިންނަށް ހެދުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް. މި އުންމީދު އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވެން އޮތީ، މިފަދަ ވަސީލަތްތައް ޤާއިމްކޮށްގެން." ވަޒީރު ރާފިއު ވިދާޅުވިއެވެ.

ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއޢު ވިދާޅުވީ، ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކޮށް ރައްޔިތުން ހަރަކާތެރިވުން އިތުރުކުރުމަކީ ގައިންގަޔަށް ނާރާ ބަލިތައް މަދުކުރެވޭނެ ކަމެއް ކަމަށެވެ. އެކަމަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ އެއްކަމަކީ ފިޒިކަލް އެކްޓިވިޓީ ޕްރޮމޯޓުކޮށް، އެކަން ކުރިއަށް ގެންދިޔުން ކަމަށް ވިދާޅުވިއެވެ. މިފަދަ ސެންޓަރުތަކަކީ، އެކަމަށް މަގުފަހިވާނެ ސެންޓަރުތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ރާފިއު ވިދާޅުވީ، މިފަދަ ސެންޓަރުތަކަކީ ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވެ، ކުޅުންތެރިން އިތުރު ހަރުފަތަކަށް ގެންދާނެ ކަމެއް ކަމަށެވެ.

ރާއްޖޭގެ އާބާދީއަކީ، ހަށިހެޔޮ ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ އަމާޒުގައި ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައި ޤާއިމުކުރަމުންދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރެއިން ވަޢުދުފުޅެކެވެ. މި ވަޢުދާ އެއްގޮތަށް މި ސެންޓަރުތައް ބިނާކުރުމުގެ މަސައްކަތް ޢަމަލީގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވަނީ ފަށާފައެވެ. މިސެންޓަރުތަކަކީ އިންޑޯ ކުޅިވަރުތަކާއި، އެކިކަހަލަ އިންޑޯ ގޭމް ކުޅެވޭގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. އަދި މިތަންތަނުގައި އެރޮބިކްސް ސްޓޫޑިއޯތަކާއި އިންޑޯ ޖިމްތައް ހުންނާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *