ތަޢުލީމާއި އެއްވަރަށް ޤާނޫނީ ވަކީލުންގެ އަޚުލާޤުވެސް މުހިންމު: ހައި ކޯޓު ފަނޑިޔާރު

ތަޢުލީމާއި އެއްވަރަށް ޤާނޫނީ ވަކީލުންގެ އަޚުލާޤުވެސް މުހިންމު: ހައި ކޯޓު ފަނޑިޔާރު

ތަޢުލީމާއި އެއްވަރަށް ޤާނޫނީ ވަކީލުންގެ އަޚުލާޤު ހިފެހެއްޓުން މުހިންމު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާނޫނީ ވަކީލުން ހުވާކުރުމަށް ވިލާ ކޮލެޖް ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މުވައްކިލަށް ނުވަތަ ޚިދުމަތަށް އެދޭ މީހާއަށް ވަކީލެއްގެ ކިބައިން ފާހަގަވާ ފުރަތަމަ ސިފައަކީ އޭނާގެ އަޚުލާޤުކަމަށެވެ. އެހެންކަމުން ވަކީލުންނަކީ، މުވައްކިލާއި ތެދުބަހުން މުއާމަލާތުކުރާ ސިއްރު ހިފަހައްޓާ، އިޚުލާސްތެރިއަކަށް ވާންޖެހޭކަމަށް ވިދާޅުވިއެވެ.

ޤާނޫނީ ވަކީލުންގެ ހުވާގައި ބުނާފަދައިން އަމާނާތްތެރިކަމާއި، ތެދުވެރިކަމާއެކު ޚިދުމަތްކުރުން މަތީ ދެމި ތިބުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ވަނީ ބާރުއަޅުއްވާފައެވެ.

"ހުވަޔަކީ ދިރިދެމި އޮންނަ އެއަށް. ޖަވާބުދާރީވެ، އިޚުލާސްތެރި މަސައްކަތްތަކެއް ކުރަންވާނެ. އިތުބާރު ހިފޭ ބަޔަކަށް ވާނީ އޭރުން." އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ބާ ކައުންސިލްގެ ރައީސް ހުސައިން ސިރާޖު ވަނީ ވަކީލުކަމުގެ ހުވާކުރާ ހިސާބަކީ ވަކީލެއްގެ މަސައްކަތް ފެށޭ ހިސާބުކަމަށް ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ އަދުލުއިންސާފާއި ގުޅި އިންސާފު ހޯދައިދިނުމުގައި ބައިވެރިއަކަށް ވެވޭ ހިސާބަކީ އެއީ ކަމަށާއި ވަކީލެއްގެ ޒިންމާ އަދާކުރަންވާނީ ވަރަށް އިޚުލާސްތެރިކަމާއެކު ކަމަށެވެ.

ވަކީލެއްގެ ކާމިޔާބީ މިނަންވާނީ ކާމިޔާބުކުރެވުނު މައްސަލައަށް ބެލުމުގެ ބަދަލުގައި، އަދުލުއިންސާފު ޤާއިމްކުރުމަށް އެ ވަކީލަކު ކުރި މަސައްކަތަށް ބަލައިގެންކަން ސިރާޖު ފާހަގަކުރެއްވިއެވެ.

"ޤާނޫނީ ދާއިރާގެ ހުވާ ކުރަނީ ގިނަ މަރުހަލާތަކަކަށް ފަހު. މި ދުވަސް ހަދަންވީ ޤާނޫނީ ދާއިރާގެ އުނގެނުން ނިމުނު ދުވަހުގެ ބަދަލުގައި އަދުލު އިންސާފާއި ގުޅުނު ދުވަހަށް. ވަކީލުން ވާންވާނީ އަދާހަމަ ބަޔަކަށް. ޤާނޫނުތަކަށް ވަކީލުން ފަރިތަވުން މުހިންމު." އޭނާ ވިދާޅުވިއެވެ.

މިއީ ވަކީލުން ހުވާކުރުމަށް މި އަހަރު ބޭއްވި 3 ވަނަ ރަސްމިއްޔާތެވެ. މި ރަސްމިއްޔާތުގައި ވަކީލުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އިސްމާއިލް ޝަފީއުއެވެ. އަދި ވަކީލުންނަށް ލިޔުން ހަވާލުކޮށްދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

މިއަދު ހުވާކޮށްފައިވާ 11 ވަކީލުންނާއެކު ފަނޑިޔާރުންފަދަ ބޭބޭފުޅުން ނުލާ ރާއްޖޭގެ ވަކީލުންގެ ގޮތުގައި 1983 ވަކީލުން އެބަތިއްބެވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *