ހިތަދޫ އުތުރުދާއިރާގެ މަޖިލިސް ގޮނޑި، ބައި އިލެކްޝަނުން ކާމިޔާބު ކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) އަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ފުރުސަތު ދޭނީ، ސޯބެ މަޖިލީހުގައި ދައްކާ ޕާފޯމަންސަށް ބަަލާފައި ކަމަށް ޕީއެންސީން ބުނެފައިވާ ކަމަށް، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.
އިއްޔެ އޮތް ރައްޔިތުންގެ މަޖިިލީހުގެ ޖަލްސާގައި އެމްޑީީގެ މެމްބަރުން ތަޅުމުން ނެރުނީ، ހިތަދޫ އުތުރުދާއިރާގެ މަޖިލިސް ގޮނޑި، ބައި އިލެކްޝަނުން ކާމިޔާބު ކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) އަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ޖާގަ ހޯދައިދޭން މަސައްކަތް ކުރުމުން ކަަމަށް ތުހުމަތު ކުރައްވައި ނާޒިލް ވިދާޅުވީ، މިމަހު 15 ވަނަ ދުވަހު ސޯބެ މެންބަރުކަމުގެ ހުވާ ކުރެއްވުމަށްފަހު މަޖިލީހުގެ މަސައްކަތްތަކުގައި ބައިވެރިވި ނަމަވެސް އެއްވެސް ކޮމިޓީއަކުން ސޯބެއަށް ފުރުސަތު ދީފައިނުވާ ކަމަށެވެ.
ނާޒިލް ވިދާޅުވީ، މަޖިލީހުގެ ކޮމިޓީ ތަކުން އެމްޑީޕީއަށް އެންމެ ދެ ޖާގަ ދޭން އެދުމުން، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެފައި ވަނީ، ކޮމިޓީތަކުން ޖާގަ ދޭނީ ޕީއެންސީން ބޭނުން ކޮމިޓީއަކުން ބޭނުން ވަރަކަށް ކަަމަށެވެ.
މަޖިލިސް ގަވާއިދުގައި ވާގޮތުން މަދުވެގެން އެމްޑީޕީގެ ދެ މެންބަރުންނަށް މަޖިލީހުގެ ކޮންމެ ކޮމިޓީއަކުން ފުރުސަތު ލިބެން ޖެހޭއިރު މުހިއްމު ކޮމިޓީތަކުން ދީފައި ވަނީ އެންމެ ފުރުސަތެއް ކަަމަށްވެސް ނާޒިލް ވިދާޅުވިއެވެ. އަދި އިދިކޮޅު ޕާޓީގެ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސްއޫލިއްޔަތު އެޅިފައިވަނީ އެމްޑީޕީގެ ބޮލުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އެންމެ ބޮޑަށް ކުރާ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެމްޑީޕީއަށް ދީފައިވަނީ އެންމެ ފުރުސަތެއްކަމަށް ނާޒިލް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިސް ކޮމިޓީތަކުގައި އާއްމުކޮށް 11 މެންބަރުން ހިމެނޭއިރު އެމްޑީޕީގެ ދެ މެންބަރުންނަށް ފުރުސަތު ދިން ނަމަވެސް ޕީއެންސީގެ ނުވަ މެންބަރުން ތިބޭނެ ކަމަށެވެ. އެހެންކަމުން ޕީއެންސީން ކަނޑުވާން ނުޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ، މަޖިލީހުގެ އެންވަރަންކަންޓް ކޮމިޓީ އާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެމްޑީޕީއަށް ޖާގައެއް ދިނުމަށް އިއްޔެ ދެކެވުނު ވާހަކަތާ ގުޅިގެން މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން އެކަން ހަމަޖައްސާނެ ކަަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް މިއަދުގެ މަޖިލިސް ޖަލްސާ ނިމުނުއިރުވެސް އެކަން ހަމަނުޖެއްސި ކަމަށްވެސް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ، ކޮމިޓީތަކުން ފުރުސަތު ދިނުމަކީ މެޖޯރިޓީއަށް ބަލައިގެން ކުރަންޖެހޭ ކަމެއްނޫން ކަމަަށެވެ. އެއީ މަޖިލިސް އިދާރާއިން ކުރެވޭނެ ކަމެއް ކަމަށާއި މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް އާއި މަޖިލިސް ރައީސްއާ އެކަމުގެ ވާހަކަދެއްކި ނަަމަވެސް ޖެއްސުން ކުރުމުގެ ގޮތުން އެކަން ކޮށްދީފައިނުވާ ކަމަށެވެ.






