ރަށްވެހިވާން ބޭނުންވާ ރަށުގައި ފަސް އަހަރު ދުވަހު ދިރި ނޫޅުނު ނަމަވެސް ރަށްވެހި ވެވޭގޮތަށް، ގާނޫނު ބަދަލު ކުރަން "ދިވެހި ރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ގާނޫނު" އަށް އިސްލާހު ގެންނަ ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.
އެ ގާނޫނުގައި މިހާރު އޮންނަ ގޮތުން، ރަށެއްގެ ރަށްވެއްސަކަށްވެ، މީހަކު އެ ރަށެއްގައި ރަޖިސްޓަރީ ކޮށްދޭނ،ީ މެދުކެނޑުމެއް ނެތި 5 އަހަރު ދުވަހު އެރަށެއްގައި ދިރިއުޅުމުންނެވެ.
ނަމަވެސް މިގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބޭނުމަކީ މިހާރު އަމަލު ކުރަމުންދާ ގާނޫނުގެ ދަށުން ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވެނީ، އެ ރަށެއްގައި މެދުކެނޑުމެއްނެތި 5 އަހަރު ދިރިއުޅެފައިވާ ފަރާތްތަކަށް ކަމަށް އޮންނަ އޮތުން ބަދަލުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުން ކަމަށެވެ.
އަދި ރަށަކުން ދިރިއުޅުމަށް އެކަށީގެންވާ ބިމެއް ނުވަތަ ތަނެއް މިލްކު ވެފައިވާ ފަރާތްތަކަށް، އެ ރަށެއްގެ ރަށްވެހިކަން ފަސޭހައިން ހޯދޭނެ ނިޒާމެއް ގާއިމްކޮށް، މިކަމާގުޅޭ ގާނޫނީ އޮނިގަނޑު މި ޒަމާނުގެ އިޖުތިމާއީ އަދި އިގްތިސާދީ ހާލަތާ އެއްގޮތަށް ހަރުދަނާ ކުރުން ކަމަށްވެސް ބުނެފައިވެއެވެ.
މި ބިލުގައި ވާގޮތުން، ވަކި ރަށެއްގައި ރަށްވެހި ވެފައިވާ މީހަކަށް، ވާރުތައިން، ބިން ބެހުމުން، ގަތުމުން، ހިބައިން، އަދި ކޯޓު ހުކުމަކުން ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެހެން ރަށަކުން ބިމެއް، ގެއެއް، ފްލެޓެއް، ނުވަތަ ދިރިއުޅުމަށް އެކަށީގެންވާ އެނޫންވެސް ތަނެއްގެ ގާނޫނީ މިލްކުވެރިކަން ނުވަތަ އެފަދަ ތަނެއްގައި ދިރިއުޅުމުގެ ގާނޫނީ ހައްގު ލިބިފައިވާ ނަމަ، އެރަށެއްގެ ރަށްވެއްސަކަށް ވުމަށް އެދި ހުށަހެޅޭނެއެވެ.
މިގޮތަށް ހުށަހަޅާ ފަރާތުން، އެފަދަ ހައްގެއް ލިބިފައިވާކަން ސާބިތުކޮށްދޭ ރަސްމީ ލިޔެކިއުންތައް ހުށަހެޅުމުން، އެ ބިމަކީ، ގެއަކީ، ފުލެޓަކީ ނުވަތަ ދިރިއުޅޭ ތަނަކީ ދިރިއުޅުމަށް އެކަށީގެންވާ ތަނެއްކަން ކަމާބެހޭ އިދާރާއަށް ކަށަވަރުވުމުން އެ މީހަކު އެ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭންވާނެ ކަމަށް ބިލުގައި ބުނެއެވެ.
މިގޮތަށް ރަޖިސްޓްރީ ކުރުމާއެކު، އެ މީހަކު ކުރިން ރަށްވެހި ވެފައިވާ ރަށުގެ ރަޖިސްޓްރީއިން އުނި ކުރެވޭނެއެވެ. އަދި އެއްވެސް މީހަކަށް އެއް ވަގުތެއްގައި އެއް ފަށަށްވުރެ ގިނަ ރަށެއްގައި ރަށްވެހި ވެފައިވާ މީހެއްގެ ގޮތުގައި ރަޖިސްޓްރީއެއް ނުކުރެވޭނެއެވެ.






