ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 2 ވަނަ ބެޗުގެ ތަމްރީންތައް ފަށައިފިއެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަކީ، ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ވަނީ ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމެއް ފައްޓަވާފައެވެ.
މިޕްރޮގްރާމްގެ ތެރެއިން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޚާއްސަ ތަމްރީން ޕްރޮގްރާމްގެ 2 ވަނަ ބެޗުގެ ތަމްރީނުތައް މިހާރުވަނީ ފަށާފައެވެ.
ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސަރވިސް ކޯރގެ، ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ކުރިއަށްގެންދާ މިތަމްރީނުތައް ފެށުމަށްޓަކައިވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
މި ރަސްމިއްޔާތުގައި ކޯހުގެ މުދައްރިބުންނަށް ވަޢުދު ލައިދިނުމާއި ދަރިވަރުންގެ ޢަޒުމްވަނީ އައުކޮށްފައެވެ.
މުދައްރިބުންނަށް ވަޢުދު ލައިދެއްވީ ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ އެކްޒެކެޓިވް އޮފިސަރ، ކެޕްޓަން މުޙައްމަދު ޝަރީފެވެ. އަދި ދަރިވަރުންނަށް ޢަޒުމް އައުކޮށްދެއްވީ ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ ކޮމާންޑިންގ އޮފިސަރ، މޭޖަރ ޙުސައިން ޝާހިދެވެ.
4 މަސްދުވަހަށް ކުރިއަށްގެންދާ މި ތަމްރީންތަކުގެ ދެވަނަ ބުރުގައި، ރާއްޖޭގެ 17 އަތޮޅުތަކުން ޖުމްލަ 75 ދަރިވަރުންވަނީ ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި 62 ފިރިހެން ކުދިންނާއި 13 އަންހެން ކުދިން ހިމެނެއެވެ.
މި ތަމްރީނުގެ ތެރެއިން އޮޓޯ މޯބައިލް އިންޖިނިއަރިންގއާއި، މެރިން އިންޖިނިއަރިންގއާއި، އިލެކްޓްރީޝަންއާއި، ރެފްރިޖެރޭޝަންއާއި، ވެލްޑިންގއާއި، މެޓަލް ފެބްރިކޭޝަން އަދި އޮފީސް މެނޭޖުމަންޓް ފަދަ ސިނާއީ ދާއިރާތަކުގެ ހުނަރުތައް، އުނގަންނައިދިނުމަށް ވަނީ ހަމަޖެހިފައިއެވެ.
މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ލެވެލް 3ގެ ސެޓިފިކެޓެއް ހާސިލުކުރެވޭނެއެވެ. މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ފަންނީ ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރު ސިފައިންގެ އިންސްޓްރަކްޓަރުންނެވެ.
މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީސް (ސީޑީއެސްއެސް)ގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމާއި، ޑައިރެކްޓްރޭޓް އޮފް ނޭޝަނަލް ސަރވިސްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އަޙްމަދު ޝަރީފާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އަޙްމަދު ޝާރިމާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ބޫލާޤާއި، މި ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވިއެވެ.





