މީކާއިލަށް ތާއީދުކުރާ މީހުން ވޯޓާސް ލިސްޓުން އުނިކޮށް، މަންދޫބުނަށް ފާސް ދިނުން ލަސްކުރާކަމުގެ ތުހުމަތު

މީކާއިލަށް ތާއީދުކުރާ މީހުން ވޯޓާސް ލިސްޓުން އުނިކޮށް، މަންދޫބުނަށް ފާސް ދިނުން ލަސްކުރާކަމުގެ ތުހުމަތު

ކުރިއަށްދާ ޗެއަރޕާސަން ހޮވުމުގެ އިންތިޚާބުގައި ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކާ ޚިލާފަށް ގިނަ ކަންތައްތަކެއް ހިނގަމުންދާ ކަމަށް ބުނެ، އިންތިޚާބުގެ ސައްހަކަމާމެދު ކެންޑިޑޭޓުންގެ ފަރާތުން ބޮޑެތި ކަންބޮޑުވުންތަކެއް ބަޔާންކޮށްފިއެވެ.

މި އިންތިޚާބަކީ ވާދަވެރިކަން ބޮޑު އިންތިޚާބަކަށް ވުމުން، ޕާޓީ އޮފީހުން ހާމަކަން ބޮޑު ގޮތެއްގައި އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް ބުންޏަސް، އަމަލީ ގޮތުން ކަންކަން ހިނގަމުންދަނީ އެއާ ޚިލާފަށް ކަމަށް ކެންޑިޑޭޓުން ތުހުމަތު ކުރެއެވެ. ޚާއްޞަކޮށް، ވަކި ކެންޑިޑޭޓަކަށް ތާއީދު ބޮޑު ރަށްރަށުގައި މަންދޫބުންނަށް ފާސް ދޫކުރުން ގަސްތުގައި ލަސްކުރަމުންދާ ކަމުގެ ޝަކުވާ ވަނީ އުފުލާފައެވެ.

ފ. ފީއަލީގައި ހިނގަމުންދާ ކަންކަން ފާހަގަކުރަމުން ކެންޑިޑޭޓެއްގެ މަންދޫބަކު ބުނީ، އެ ރަށުގެ ވޯޓުލާ މީހުންގެ ލިސްޓުން ގިނަ ބައެއްގެ ނަންތައް އުނިކޮށް، ފޮއްޓާ ހަވާލުވެ ހުރި ފަރާތުން އަމިއްލަ ލިސްޓެއް ބޭނުންކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، މިއަދު ހަވީރު 4:30 ހާއިރު ވޯޓު ފޮށި ހުރި ތަނުން ނަގައިގެން، އެ ފޮއްޓާ ހަވާލުވެ ހުރި މީހާގެ އަމިއްލަ ގެއަށް ގެންގޮސް، އެމީހަކު ބޭނުން ގޮތަކަށް ވޯޓުގެ ކަންކަން ކުރިއަށް ގެންދާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ.

ހަމައެއާއެކު، ގދ. ފިޔޯރީގައި ހުރި ވޯޓު ފޮށި ފަޅާލާފައިވާއިރު، އެކަން އިސްލާހު ނުކޮށް އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ނުދީ ވޯޓުލުން ކުރިއަށް ގެންދާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މި ހުރިހާ ކަންކަމަކީ އިންތިޚާބުގެ ނަތީޖާއަށް ނޭދެވޭ އަސަރުކޮށް، އިންތިޚާބުގެ ސައްހަކަން ގެއްލިދާނެ ކަންކަން ކަމަށްވާތީ، ވީހާވެސް އޮމާންކޮށް އަދި ހާމަކަން ބޮޑުކޮށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޕާޓީގެ އިންތިޚާބާ ބެހޭ ކޮމެޓީއަށް ވަނީ ގޮވާލާފައެވެ. މި މައްސަލަތަކާ ގުޅިގެން އިންތިޚާބުގެ އިތުބާރު ހިފެހެއްޓުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގިނަ ފަރާތްތަކުން ދަނީ ބާރުއަޅަމުންނެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *