އަތޮޅު ކައުންސިލްތައް އުވުމާއެކު ސެކްރެޓަރީ ޖެނެރަލުން ވަޒީފާއިން ވަކިކޮށްފި

އަތޮޅު ކައުންސިލްތައް އުވުމާއެކު ސެކްރެޓަރީ ޖެނެރަލުން ވަޒީފާއިން ވަކިކޮށްފި

އަތޮޅު ކައުންސިލްތައް އުވާލުމަށް ސަރުކާރުން ނިންމި ނިންމުމާ އެކު، އެ ކައުންސިލްތަކުގެ އިދާރީ ހިންގުމާ ހަވާލުވެ ތިއްބެވި ހުރިހާ ސެކްރެޓަރީ ޖެނެރަލުން (އެސްޖީން) މަގާމުން ވަކިކޮށްފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން މައުލޫމާތު ދިން ގޮތުގައި، އިއްޔެއިން ފެށިގެން މި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރީ، ގާނޫނީ ބަދަލުތަކާ އެކު އަތޮޅު ކައުންސިލްތައް މިހާރު އުވިފައިވާތީއެވެ. ނަމަވެސް، ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ގާނޫނީ ގޮތުން ލިބިދޭންޖެހޭ ނޯޓިސްގެ މުއްދަތުގެ ފައިސާ އާއި "ރިޑަންޑެންސީ އިނާޔަތް" ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެ ކޮމިޝަނުން ވަނީ ދީފައެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ. މިދިޔަ މަހުގެ 17 ވަނަ ދުވަހު އާ ކައުންސިލަރުން ހުވާކުރުމާ އެކު، ކުރީގެ އަތޮޅު ކައުންސިލްތައް އުވި، އެ ތަންތަން މިހާރު ވަނީ އެލްޖީއޭގެ ދަށުން ހިނގާ އަތޮޅު އޮފީސްތަކަކަށް ބަދަލުވެފައެވެ.

ކައުންސިލްތަކުގެ އިދާރީ އެންމެ އިސްވެރިންގެ މަގާމު ގެއްލުނު ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި ބަދަލާ އެކު އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށާއި، އެ ބޭފުޅުންނަށް ލިބޭ މުސާރަ އާއި އިނާޔަތްތަކަށް އުނިކަމެއް ނާންނާނެ ގޮތަށް ކަންކަން ހަމަޖެއްސުމަށް ކަމާ ބެހޭ އިދާރާތަކުގައި މީގެ ކުރިން އެދިވަޑައިގެންފައެވެ.

އެހެންކަމުން، މަގާމުން ވަކިކުރެވުނު އެސްޖީންނަށް އެހެން ވަޒީފާތަކެއް ހަމަޖެހިގެންދާނެ ކަމަށް ބެލެވެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *