ވޯލްޑްކަޕް ދައްކަން ނިންމާފައި ވަނިކޮށް "ހިލޭޓީވީ" ހުއްޓުވަން  އަމުރެއް

ވޯލްޑްކަޕް ދައްކަން ނިންމާފައި ވަނިކޮށް "ހިލޭޓީވީ" ހުއްޓުވަން  އަމުރެއް

އެކި ތަންތަނުން ޕައިރޭޓެޑް ޓީވީ ޗެނަލްތަކެއްގެ ލިންކް އެއްތަނަކަށް އެއްކޮށްގެން އާންމުންނަށް ފޯރުކޮށްދެމުންދާ "ހިލޭޓީވީ" ވެބްސައިޓަށް ނުވަދެވޭ ގޮތް ހަދަން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައަކީ ހިލޭޓީވީ ވެބްސައިޓް ހުއްޓުވަން މީޑިއާ ނެޓުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލާގައި ބުނެފައިވަނީ މީޑިއާނެޓްގެ ނަމުގައި ވަކި ކެޓަގަރީއެއް ހަދައި، މީޑިއާނެޓްގެ ފީޑުތައް ނެގުމަށް އެ ފަރާތުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި، އެކަން ކުރެވިއްޖެ ކަމަށް ހިލޭޓީވީގެ ޓެލެގްރާމް ގުރޫޕްގައި އިއުލާން ކުރުމަށް ފަހު، މީޑިއާ ނެޓުން އެކްސްކްލޫސިވް ރައިޓްސް ނަގާފައިވާ ވޯލްޑްކަޕްގެ މެޗްތައް އެ ވެބްސައިޓް މެދުވެރިކޮށް ފެންނާނެ ކަމަށް ބުނެފައިވާ ކަމަށް ވެސް ދައުވާގައިވެއެވެ.

އެކަމަކީ ވަގުތުން ވަގުތަށް ނުހުއްޓުވައިފި ނަމަ، މީޑިއާނެޓުގެ މަސްލަހަތު އަދި އާންމުންގެ މަސްލަހަތަށް އިޔާދަ ނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށްވާތީ، އެކަން ހުއްޓުވަން ވަގުތީ އަމުރަކަށް އެދޭ ކަމަށްވެސް ބުނެފައިވެއެވެ.'

ސިވިލް ކޯޓުން މިއަދު ވަނީ އެ އަމުރު ނެރުމަށް ބޭނުންވާ ޝަރުތުތައް މައްސަލައިގައި ފުރިހަމަވާ ކަމަށް ކަނޑައަޅައި، މީޑިއާނެޓުން އެދުނު ގޮތަށް ވަގުތީ އަމުރު ނެރެދީފަ އެވެ.

އެ އަމުރު އެގޮތަށް ނެރުމާ މެދު އެކަން ރައްދުވާ ކޮމިއުނިކޭޝަން އޮތޯރިޓީން އިއުތިރާޒެއް ނުކުރެއެވެ. ސިވިލް ކޯޓުން އަންގާފައިވަނީ ހިލޭޓީވީއާ ދެކޮޅަށް މީޑިއާނެޓުން ހުށަހަޅާފައިވާ މައްސަލާގައި ގޮތެއް ނިމެންދެން އެ ވެބްސަައިޓަށް ރާއްޖޭގެ އައިޕީ އެޑްރެސްތަކުން ނުވަދެވޭ ގޮތް ހެދުމަށް ކޭމްއަށް އަންގައި އަމުރުކުރާ ކަމަށެެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *