ޑްރަގްގެ ކޮންޓްރޯލް ޑެލިވަރީ އާއި ކުޑަކަމުދާއެއްޗެހި ނެގުމާބެހޭ ގަވާއިދު އާއްމުކޮށްފި

ޑްރަގްގެ ކޮންޓްރޯލް ޑެލިވަރީ އާއި ކުޑަކަމުދާއެއްޗެހި ނެގުމާބެހޭ ގަވާއިދު އާއްމުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލް ޑެލިވަރީ ހިންގުމާއި ކުޑަކަމުދާ އެއްޗެހި ނެގުމާ ގުޅޭ ކަންކަން ބަޔާންކުރާ ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފިއެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލު ކުރުމަށް، މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ، އިޖުރާއަތުތަކާއި އުސޫލުތައް ހިންގުމުގައި އަމަލީގޮތުން ކަންކަން ކުރަންވީގޮތް ބަޔާންކޮށް މި ހިދުމަތުގެ ފަރާތުން އެކުލަވައިލި ގަވާއިދު "މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި، ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގުމާއި، އެ އެއްޗެހި ތަހުލީލު ކުރުމަށް ފޮނުވުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދު" ގަވާއިދަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނު ގެ ދަށުން، ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި، މަސްތުވާތަކެތި ބޭނުން ކުރިކަމުގެ ތުހުމަތުގައި ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ހޯދުމާއި، އެ ތަކެތި ތަހުލީލުކުރުމާ ގުޅޭގޮތުން އެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން ބާރުލިބިގެން އެކުލަވައިލާފައިވާ ގަވާއިދެކެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މި ގަވާއިދުގެ ސަބަބުން، މަސްތުވާތަކެތީގެ ތަހުގީގުތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމަށް ހުއްދަ ހޯދުމާއި، ހުއްދަ ދިނުމާއި، އެ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ގޮތާއި، ބަލަހައްޓާނެ ގޮތުގެ އިތުރުން ރިޕޯޓްކުރާނެ ސާފު އުސޫލުތަކެއް އަދި އެކަންކަން ޖަވާބުދާރީވަނިވި ގޮތެއްގައި ކުރުމަށް ތަހުގީގުކުރާ ފަރާތްތަކަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުކުރެވޭ މީހުންގެ ކުޑަކަމުދާ އެއްޗެހި ދިނުމަށް އެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކަށް އެންގޭނެ ހާލަތްތަކާއި، އެކަން އެންގުމުގައި އަމަލުކުރާނެގޮތާއި، ކުޑަކަމުދާ އެއްޗެހި ނެގުމާއި ތަހުލީލުކުރުމަށް ލެބޯޓްރީއަށް ފޮނުވުމުގައި އަމަލުކުރާނެ އިޖުރާއަތްތައް ވެސް މި ގަވާއިދުގައި ބަޔާންކޮށްދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ކުޑަކަމުދާ އެއްޗެއްސާ ގުޅޭގޮތުން މި ގަވާއިދުގެ ސަބަބުން އަންނަ އެއްމެ ބޮޑު އެއްބަދަލަކީ، ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރީކަމަށް ބެލެވޭނެ ވަގުތު 12 ގަޑިއިރަށް ކުޑަވެގެން ދިއުން ކަމަށްވެސް ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ.

މި ގަވާއިދުގައިވާ ގޮތުން، ކޮންޓްރޯލްޑް ޑެލިވަރީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނީ ކޮމިޝަނަރ އޮފް ޕޮލިސް ނުވަތަ އެކަމަށް ކަނޑައަޅާފައިވާ ފުލުހުންގެ އިސް އޮފިސަރެއްގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ. ކޮންމެ އޮޕަރޭޝަނަކަށް ވެސް ވަކިވަކިން ހުއްދަ ހޯދަންޖެހޭއިރު، އެ ހުއްދަ ދިނުމުގައި މައްސަލައިގެ ތަފުސީލަށާއި، އޮޕަރޭޝަން ހިންގުމުގެ މުހިންމުކަމަށާއި، ބައިވެރިވާ އޮފިސަރުންނާއި، ސަލާމަތީ ކަންކަމުގެ އިތުރުން ތަހުގީގަށް ލިބޭނެ ކުރިއެރުމަށް ރިއާޔަތްކުރަންޖެހެއެވެ.

ޒިންމާދާރުކަން އިތުރުކުރުމުގެ ގޮތުން، ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަންތަކާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި ރިޕޯޓްކުރުން މި ގަވާއިދުން ލާޒިމުކުރެއެވެ. އަދި މިފަދަ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ ބަދަލުގައި އެހެން އެއްޗެއް (ސަބްސްޓިއުޓެއް) ބޭނުންކުރުމާއި، ކަމާގުޅުންހުރި އެހެން ފަރާތްތަކުގެ ބައިވެރިވުން ހޯދުމާއި، އޮޕަރޭޝަން ކުރިއަށް ގެންދިއުން ނުވަތަ މެދުކަނޑާލުމުގެ އިތުރުން، އޮޕަރޭޝަން ނިމުމުން އެކަމުގެ މައުލޫމާތު ހުށަހަޅާނެ ގޮތްތައް ވެސް ވަނީ ބަޔާންކޮށްފައެވެ.

ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުމާ ގުޅޭގޮތުން، ސާމްޕަލް ދޭންޖެހޭ ފަރާތަށް އެކަން އެންގުމާއި، ސާމްޕަލް ނެގުމާއި، ރައްކާތެރިކަމާއެކު އެތަމެތި އުފުލުމާއި، ތަހުލީލުކުރުމަށް ރަސްމީ ލެބޯޓްރީއަށް ހުށަހެޅުމުގެ ނިޒާމެއް މި ގަވާއިދުން ގާއިމުކުރެއެވެ. ހަމައެހެންމެ، ގާނޫނުގައިވާ ގޮތުގެ މަތިން، ފުލުހުންގެ ފޮރެންސިކް ލެބޯޓްރީ ނޫން އެހެން ލެބޯޓްރީއަކުން ސާމްޕަލް ތަހުލީލުކުރުމަށް އެދުމުގެ ފުރުސަތު ސާމްޕަލް ދޭ ފަރާތަށް ލިބިގެންވާކަން ވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ފުލުހުން ހިދުމަތުން ބުނީ މި ގަވާއިދު ޝާއިއުކުރުމާއެކު މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި މި ގަވާއިދުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަން ކުރުމުގައި އަމަލުކުރަންވީ ސާފުގޮތް އެންމެހައި ފަރާތްތަކަށް އެނގިގެންދާނެ ކަމަށެވެ.

މިއީ މަސްތުވާތަކެތީގެ ވިޔަފާރިއާއި، އެ ތަކެތި އެތެރެކުރުމާއި، ބޭނުންކުރުމުގެ ސަބަބުން މުޖުތަމައަށް ލިބޭ ގެއްލުންތަކުން ރައްޔިތުން ސަލާމަތްކުރުމަށް އެޅުނު މުހިންމު ބާރެކެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު އެހީތެރިކަމަށްވެސް ބުނެފައިވެއެވެ.

އިއްޔެއިން ފެށިގެން މި ގަވާއިދަށް ވަނީ އަމަލު ކުރަން ފަށައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *