މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ގޮޅިއަށް ވައްދަން ވެގެން، ބަަލައި ފާސްކުރިއިރު އޭނާގެ ފުރަގަސް ފަރާތުގައި ދެ ތަޅުދަނޑި ފޮރުވާފައި އޮއްވައި ފެނިއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ އޭނާގެ ބަންދަށް ގޮތެއް ކަނޑައެޅުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކޮށް ކުރިއަށް ގެންދިޔަ ބަންދުގެ އަޑުއެހުމުގއި ފުލުހުންގެ ފަރާތުންނެވެ.
ފުލުހުން ބުނީ އޭނާގެ ފުރަގަސްފަރާތުގައި ފޮރުވާފައިވާ ދެ ތަޅުދަނޑިން، މަސްތުވާތަކެތި ފޮރުވާފައި ހުރި ދެ ސައިކަލު ހުޅުވުނު ކަމަށެވެ.
މި މައްސަލައިގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދު ކޮށްފައިވަނީ ސ. ހުޅުދޫ، ސެލްޓަން، މުހައްމަދު ރަޝީދު، 49، އެވެ.
އޭނާގެ ބަންދުގެ މުއްދަތަށް 30 ދުވަސް ކުރުމިނަލް ކޯޓުން އިއްޔެ ވަނީ އިތުރުކޮށްފައެވެ.
އިތުރު 30 ދުވަހަށް އޭނާ ބަންދު ކުރުމށް ކުރިމިނަލް ކޯޓުން އިއްްޔެ ނެރުނު އަމުރުގައިވަނީ، އޭނާ ހައްޔަރުކުރީ ސައިކަލެއްގެ މަޑި ހުޅުވައިގެން ހުއްޓާ ފުލުހުން ފެނުމާއެކު ހާސްވެ، މަޑި ލެއްޕުމުން ފުލުހުންނަށް ޝައްކު ކުރެވިގެން ކަމަށެވެ.
އޭނާ މަޑި ހުޅުވައިގެން ހުރި ސައިކަލާއި އެއާ ޖެހިގެން ހުރި ސައިކަލުގެ މަޑި ދަށުން މަސްތުވާތަކެތި ކަމަށް ބެލެވޭ ކޮތަޅުތަކެއް ފެނުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.
ލޯޓު އަމުރުގައި ބުނެފައިވަނީ އޭގެ ތެެރެއިން ދެ ވަނަ ސައިކަލުގެ ވެރިފަރާތް ހާޒިރުކޮށް ހުއްދަ ނެގުމަށް ފަހު މަޑި ހުޅުވީ ގަދަކަމުން ކަމަށެވެ. އަދި ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވެއެވެ.
ތުހުމަތުކުރެވޭ މީހާ ދިރިއުޅޭ ގޭގައި އެ ސައިކަލުތައް ފެންނާނެހެން ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާ ހުރި ކަމަށާއި އެ ކެމެރާތަކުގެ ހާޑް ޑިސްކް ނައްތާލަންވެސް މަސައްކަތްކުރި ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ. އެކަމުގެ މައުލޫމާތު އާންމުންގެ ފަރާތުން ލިބުުމުން އެ ސަރަހައްދަށް ފުލުހުން ދިޔައިރު އޭނާގެ ދޮންދަރިއަކު ދަބަހެއް ހިފައިގެން ނުކުންނަނިކޮށް ފެނުނު ކަމަށާއި އޭނާ ހުއްޓުވައި ފާސްކުރި އިރު އެ ދަބަހުގެ ތެރެއިން ހާޑް ޑިސްކާއި ޕެންޑްރައިވްތަކެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރި އިރުވެސް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހޭކިފައި ހުރި ތަކެތި ފެނިފައިވެ އެވެ.
މި މައްސަލައިގައި ހެކީގެ ގޮތުގައި މާލޭ ކަސްޓަޑީ ހާދިސާގެ ރިޕޯޓު ހުށަހަޅާފައި ވާއިރު އޭގައި ބުނެފައިވަނީ އޭނާ ގޮޅިއަށް ވެއްދުމުގެ ކުރިން ގާތުން ބަލައިފާސްކުރުމުގެ ތެރޭގައި، ފުރަގަސްފަރާތުގައި އެއްޗެއް ރައްކާކޮށްފައި ހުރިކަމަށް ތުހުމަތު ކުރެވިގެން އެ ނަގައިދިނުމަށް ފުލުހުން އެދުމުން އޭނާގެ ފުރަގަސް ފަރާތުން ދެ ތަޅުދަނޑި ނަގައި ފުލުހުންނާ ހަވާލުކުރި ކަމަށެވެ. މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިފައިވާ ދެ ސައިކަލު އެ ދެ ތަޅުދަނޑިން ހުޅުވިފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.
ޕިޒިކަލް އެގްޒެމިނޭޝަން ރިޕޯޓުގައި ވަނީ އޭނާ ލައިގެން ހުރި ސޯޓުގެ ލޫޕްގައި ތަޅުދަނޑިފައްޗެއް އަޅުވާފައި އޮތް ކަމަށާއި އެ ތަޅުދަނޑި އާއި ފުލުހުން ފެނުނުއިރު އޭނާ ހުޅުވައިގެން ހުރި ސައިކަލުގެ މަޑިދަށުން ނެގި ތަޅުދަނޑިއާ އެއްގޮތް ކަމަށެވެ.
މަސްތުވާތަކެތީގެ ތަހްލީލުގެ ނަތީޖާ ދައްކާ ގޮތުން 161.52 ގްރާމް ކެނަބިސް، ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް 48.8 ގްރާމް އަދި 17 ގްރާމް ޑައިމޯފިން މި ދެ ސައިކަލުން ފެނިފައިވެ އެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތި ވެސް ކެނެބިސްއަށް ޕޮޒިޓިވް ކަމަށް ވެސް ބުނެފައިވެ އެވެ.





