އެންމެ ކުޑައިރުން ފެށިގެންވެސް ސަޕޯޓުކުރައްވަނީ އާޖެންޓީނާއަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ވޯލްޑް ކަޕްގެ ސްޕޮންސަރަކުން ފުޓުބޯޅަ ލެޖެންޑުންނަށް ބެހުމަށް ހަމަޖައްސާފައިވާ ވޯލްޑް ކަޕް ބޯޅަތަކެއްގައި ސޮއިކުރައްވަމުން ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އާޖެންޓީނާއަށް ސަޕޯޓް ކުރައްވަން ފެށުނީ ޑިއޭގޯ މަރަޑޯނާއަށް ކުރެއްވި ސަޕޯޓެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް މޮޅުވާނެ ޓީމެއް ދިމާކުރުމަކީ އުނދަގޫ ކަމެއް ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން އިންގްލެންޑަކީވެސް ސަޕޯޓް ކުރައްވާ ޓީމެއް ކަމަށާއި އާޖެންޓީނާ ނޫން އެހެން ޓީމެއް ނަމަ، ވޯލްޑް ކަޕް ނަގަން އެންމެ އެދިވަޑައިގަންނަވަނީ އިންގްލެންޑް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މެޗުތައް އޮންނަ ގަޑިތަކުގެ ސަބަބުން މެޗުތައް ބެއްލެވުން އުނދަގޫވާނެ ނަމަވެސް ވީވަރަކުން ބައްލަވާނެ ކަމަށެވެ. އަދި ސަޕްރައިޒެއްގެ ގޮތުގައި މިފަހަރު ނެދަލޭންޑްސް ވޯލްޑް ކަޕް ނެގުންވެސް އެކަށީގެންވާ ކަމަށް ވިދާޅުވިއެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ވޯލްޑް ކަޕް 2026 ފެށޭނީ މާދަމާ ރޭ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭ ގަޑިން މާދަމާ ރޭ 12:00 ގައި ބައްދަލުކުރާނީ މެކްސިކޯ އާއި ސައުތު އެފްރިކާ އެވެ.





