ދުވަހަކުވެސް މަގާމަކަށް ދަހިވެތިވެފައި ނުވާނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމާ ހަވާލުވެވަޑައިގަތީ ގައުމީ މަސްލަހަތާއި ޕާޓީގެ ހައްގުގައިކަމަށް އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ޕީއެންސީން ރޭ ކުރިޔަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަކީ އަމިއްލައަށް ބޭނުން ވެގެން އުޅުއްވި މަގާމެއް ނޫން ކަމަށާއި، ނަމަވެސް ޕާޓީގެ މަސްލަހަތާއި ގައުމީ ހިދުމަތަށްޓަކައި އެ މަގާމާ ހަވާލުވެވަޑައިގަތީ ކަމަށެވެ. ސިޔާސީ ދާއިރާގައި ހޭދަކުރެއްވި ދިގު މުއްދަތަށް އިޝާރާތް ކުރައްވައި ސަލީމް ވިދާޅުވީ، އެމަނިކުފާނަކީ މިހާރު އުމުރުން ދުވަސްވެފައިވާ ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑަކީ ވެސް މިހާރު އުމުރުން ދުވަސްވެފައިވާ މީހެއް. އަޅުގަނޑަކީ ޅަ މީހެއް ނޫން. ސިޔާސީ ދާއިރާއިން ނުކުމެގެންދާއިރު ބޮލުގައި ހުރި ކަޅު އިސްތަށިތައް މިހާރު މިވަނީ ހުދުވެފައި" ސަލީމް ވިދާޅުވިއެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އިސްތިއުފާއާ ގުޅޭގޮތުން ސަލީމް ވިދާޅުވީ، ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކެއްގެ ސަބަބުންކަމަށާއި، އިހުލާސްތެރިކަމާއެކު އައު ބޭފުޅުންނަށް ފުރުސަތު ދެއްވުމުގެ ރޫހެއްގައި ދުރަށް ޖެހިވަޑައިގަތީ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަޔަކު ދައްކަމުން ދިޔަ ވާހަކަތަކުގެ ހަގީގަތް ރައްޔިތުންނަށް ސާފުވެގެން ގޮސްފައިވާކަމަށް ވެސް ވިދާޅުވިއެވެ.
ސާދާ ދިރިއުޅުމުގެ ވައްޓަފާޅިއަށް އިޝާރާތްކުރައްވައި ސަލީމް ވިދާޅުވީ، މަޖިލީހުގެ އިދާރާއިން ކާރު ފޮނުވުމުންވެސް އެ ކާރަށް އަރަން ބޭނުންނުވި ކަމަށާއި، އޭނާއަކީ އަދިވެސް މީހުންގެ ސައިކަލު ފަހަތުގައި ދަތުރުކުރަން ބޭނުންވާ މީހެއް ކަމަށެވެ. އަދި ވަކި ބައެއްގެ ފަރާތުން ސެކިއުރިޓީ ބޭނުން ނުވާކަމަށާއި މާ މަތީ ފެންވަރެއްގައި އުޅުމުގެ ޝައުގުވެރި ކަމެއް ނެތް ކަމަށް ވިދާޅުވިއެވެ.
ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން ސަލީމް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ ދަރަނި ހުރީ 126 ބިލިއަން ރުފިޔާގައި ކަމަށާއި، މިހާރު އެ އަދަދު 150 ބިލިއަނަށް އިތުރުވެފައިވާއިރު މި ސަރުކާރުން އިތުރުވީ 24 ބިލިއަން ރުފިޔާ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މި ސަރުކާރުން 60 ބިލިއަންގެ ދަރަނި ނެގިކަމަށް ބުނާ ބުނުމަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.





