ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމު މުއިއްޒަށް ނިސްބަތް ކުރައްވައި، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ދެއްކި ވާހަކަ ސަރުކާރުން ދޮގުކޮށްފިއެވެ.
މަނީ ލޯންޑްރިން އާއި ފޭރުމުގައި ބައިވެރިވުމާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޝައްމާންގެ މައްޗަށް ހުކުމް އިއްވުމަށް މިއަދު ހަވީރު 4:00 ގައި ކުރިމިނަލް ކޯޓަށް ތާވަލްކޮށްފައި އޮތް އަޑުއެހުމަށް ވަނުމުގެ ކުރިން މީޑިޔާއާ ވާހަކަ ދައްކަމުން ރައީސް މުއިއްޒު އާއި ހޯމް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.
ޝައްމާން ވިދާޅުވީ އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް އޭނާ ފްރޭމްކޮށްފައިވާ ކަމަށެވެ. އެ ކަންތައް ފެށީ ހޯމް މިނިސްޓަރު އިހުސާނާއި ގުޅުން ހުރި ކޮރަޕްޝަންގެ ކަންތައްތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެނައި ހިސާބުން ކަމަށް ވެސް ވިދާޅުވި އެވެ.
ޝައްމާން ވިދާޅުވީ ބިދޭސީންގެ ކޯޓާގެ ކަންކަން ރަނގަޅަށް ނުދާކަން ސަމާލުކަމަށް އައި ހިސާބުން އެކަން ހިނގާ ގޮތް ބަލާފައިވާނެ ކަމަށާއި މިނިސްޓަރު އިހުސާންގެ ކޮރަޕްޝަންގެ އަމަލުތައް ހާމަވީ އެހިސާބުން ކަމަށެވެ.
އެކަން ރައީސަށް ހުށަހެޅުއްވި ނަމަވެސް އެއްވެސް ފިޔަވަޅެއް ރައީސް އަޅުއްވާފައި ނުހުންނެވުމަކީ ރައީސް އަށް ވެސް އެކަން އެނގޭކަން ހާމަވާ ކަމެއް ކަމަށް ވެސް ތުހުމަތުކުރިއެވެ.
ޝައްމާން ވިދާޅުވީ މިނިސްޓަރު އިހުސާނު ލައްވާ ބަގްލަދޭޝްގެ ވާރކް ޕާމިޓް އެޕްރޫވް ކޮށް ކޮންމެ ކޯޓާއަކަށް ކޮރަޕްޝަންގެ ގޮތުގައި 8000 ރުފިޔާ ނަގާކަން ޔަގީންކޮށްފައިވާނެ ކަމަށެވެ.
ޝައްމާން އަށް ކުރާ ތުހުމަތުތަކާއި ގުޅުން ހުރި ބިދޭސީ މީހާ ދޫކޮށްލީ ވެސް ސީދާ މިނިސްޓަރު އިހުސާންގެ އެންގުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. މި މައްސަލަ ހިނގަމުން ދާތީ މިކަމާއި ގުޅުން ހުރި ވާހަކަތައް ދައްކަން ކުރިން އުނދަގޫވި ކަމަށާއި، މި މައްސަލައާ ގުޅުން ހުރި އެކި ފަރާތްތަކަށް ހޯމް މިނިސްޓަރު އިހުސާން އަމިއްލަފުޅަށް ގުޅުއްވިކަން އެ މީހުންގެ ވާހަކަތަކުން އެނގޭ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާއަށް ކުރި ދައުވާތަކުގައި ދައުލަތުން ހުށަހެޅި ހެއްކެއް ޝައްމާންއާ އެއްކޮޅަށް ހެކި ދީފައި ވަނިކޮށް އެ ހެކިވެރިޔާ އަށް ލުއި ދޭނެ ކަމަށް ބުނެ ދައުލަތުން އެ ހެކިވެރިޔާއާ އެއްބަސްވުމެއް ހަދާފައިވާ ކަމަށް ޝައްމާން ތުހުމަތު ކުރިއެވެ.
ޝައްމާން ވަނީ އޭނާގެ މައްޗަށް ހިންގި ޝަރީއަތަކީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ހިމެނޭހެން ރޭވިގެން އޭނާއާ ދެކޮޅަށް ހިންގާ ޝަރީއަތެއް ކަމަށް ތުހުމަދުކޮށްފައެވެ.
ޝައްމާންގެ މި ވާހަކަތަކާ ގުޅިެން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވީ، "ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި އެދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް،" ކަމަށެވެ.





