ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޮތް އިދިކޮޅު ފަރާތަކަށްވުރެ ބޮޑަށް އެމްޑީޕީ ސަރުކާރު ފަލީހަތްކޮށް ރައްޔިތުންގެ ކުރިމަތީގައި ސަރުކާރުގެ އަގު ވައްޓާލަން މަސައްކަތްކުރީ ޕާޓީ ތެރޭގައި ތބި ބަޔަކުކަމަށް ރައީސް އިބޫ ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިންގައި ވާދަކުރައްވާ އެއް ކެނޑިޑޭޓް ގަލޮޅު ދެލުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމަށް ތާއީދު ހޯއްދެވުމަށް ބައެއް ރަށްރަށަށް ކުރައްވާ ދަތުރު ފުޅުގައި އިބޫ ވިދާޅުވީ، އެމްޑީޕީ ތެރޭގައި ތިބި ބަޔަކު އޭރު ދިޔައީ އެމަނިކުފާނަށާއި ސަރުކާރަށް ހުތުރު ބަސް ގޮވަމުން ކަމަށެވެ.
"މަޖިލިސް ތެރޭގައި ވަރަށް ހަޑި ހުތުރުކޮށް ސަރުކާރަށާއި އަޅުގަނޑަށް ނިސްބަތްކޮށް އަޅުގަނޑުމެންގެ މެންބަރުން ވަގަަސްވެސްގޮވަނީ ހަޑިހުތުރު އެއްޗެހި ގޮވަނީ، ސަރުކާރުން ރައްޔިތުންނަށް ކަމއނުކޮށްދޭ ވާހަކަވެސް ގޮވަނީ، އޮޕޮޒިޝަނަށްވުރެ ބޮޑަށް ސަރުކާރު ފަލީހަތްކޮށް ރައްޔިތުންގެ ކުރިމަތީގައި އަގުވައޓާލަން މަސައްކަތްކުރީ އަޅުގަނޑުމެންގެ ތެެރެއިން ބަޔަކު،" އިބޫ ވިދާޅުވިއެވެ.
އޭރު އޮތް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާ ދެކޮޅަށް އޭރު އެންމެ ބޮޑެތި މަސައްކަތްތަކެއް ކުރީ، އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނެވި މުހައްމަދު ނަޝީދު (އަންނި) ގެ ފެކްޝަނުންނެވެ.
އޭރު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުންގެ ގޮތުގައި އަންނި ފެކްޝަންގައި ތިއްބެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ފަދަ މެންބަރުން އެމްޑީޕީ މެންބަރުންގެ ގޮތުގައި ތިއްބަވައިގެން ސަރުކާރަށް ފާޑު ވިދާޅުވެ، ހާއްސަކޮށް ރައީސް އިބޫއަށް ވަގަށް ގޮވަމުން ގެންދެވިއެވެ.
ރައީސް ސޯލިހުގެ ވެރިކަން ނިމުމަކަށް ގެނައީވެސް އެގޮތަށް ވަގަށް ގޮވަމުންގޮސްކަމަށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އީވާވެސް ވަނީ ވިދާާޅުވެފައެވެ. ރައީސް ނަޝީދާއެކު އެ ފެކްޝަނަށް ނިސްބަޔްވާ މީހުން އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދައިގެން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި އެމްޑީޕީއާ ދެކޮޅަށް ވާދަކުރި ނަމަވެސް ވީ ފެއިލްއެވެ.
އެއަށްފަހު އަނެއްކާ ރައީސް ނަޝީދާއެކު އެމްޑީޕީއަށް ވަދެ، އެ ފެކްޝަނުން މާލޭ ސިޓީގެ މޭޔަރުކަމަށް އަލީ އާޒިމް ޕްރައިމަރީގައި ވާދަކޮށް ފެއިލްވުމުން، ޗެއާޕާސަން މަގާމަށް ރައީސް ނަޝީދު ގެންދަވަނީ މިހާރު މީކާއީލްއާ ވާދަ ކުރައްވަމުންނެވެ.





