ހާއްސަ މުޝީރަކަށް އައްޔަންކުރިތާ މާ ގިނައިރުތަކެއް ނުވެ، އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

ހާއްސަ މުޝީރަކަށް އައްޔަންކުރިތާ މާ ގިނައިރުތަކެއް ނުވެ، އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

ރައީސް އޮފީހުގެ ދިވެހިބަހާއި ގައުމިއްޔަތާބެހޭ ހާއްސަ މުޝީރަކަށް ކުރީގެ މިނިސްޓަރު އާދަމް ނަސީރު އައްޔަން ކުރެއްވިތާ މާގިނައިރުތަކެއް ނުވަނީސް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އާދަމް ނަސީރު މުޝީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވިކަން ސަރުކަރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ހާމަ ކުރެއްވީ، މީގެ އިރުކޮޅެއް ކުރިންނެވެ.

ދިވެހިބަހާއި ސަގާފަތާބެހޭ މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށްފަހު އާދަމް ނަސީރު އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރީލް މަހު ކެބިނެޓުގެ ގިނަ މިނިސްޓަރުން ތަކެއް އިސްތިއުފާ ދެއްވި ދުވަހު އެވެ. ހާއްސަ މުޝީރުގެ މަގާމަށް އޭނާ އައްޔަން ކުރެއްވީ އިއްޔެއެވެ. މުންދު މިއަދުގެ ކުރީކޮޅު ވިދާޅުވީ މުޝީރު ކަމުގެ މަގާމުގެ މަސައްކަތް އާދަމް ނަސީރު ފައްޓަވާފައިވާ ކަމަށެވެ. އަދި އެ މަގާމުގެ މައުލޫމާތު ވަރަށް އަވަހަށް ހިއްސާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހާއްސަ މުޝީރުގެ މަގާމަށް އާދަމް ނަސީރު އައްޔަން ކުރެއްވިއިރު، ކެބިނެޓުން އޭރު އިސްތިއުފާ ދެއްވި އެހެން ބައެއް ބޭފުޅުން އެކި މަގާމުތަކަށް އައްޔަން ކުރައްވާފައިވެ އެވެ. އެގޮތުން ހެލްތު މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އަބްދުﷲ ނާޒިމް ރައީސް އޮފީހަށް މިނިސްޓަރުގެ މަގާމަށް ވަނީ އައްޔަން ކުރައްވައިފަ އެވެ. އަދި ލޯކަލް ގަވަމަންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަށް އަދި ޓޫރިޒަމް އެންޑް އެންވަޔަރްމެންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ތޯރިގް އިބްރާހީމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަފީރު ކަމަށް އައްޔަންކުރަން ވަނީ ނިންމައިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *