މާލޭ ވިޔަފާރި ބަނދަރުގެ ހިންގުމުގެ ބައެއް މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކޮށް، އަސާސީ ޚިދުމަތްތަކާއެކު މުދާ ބޭލުމުގެ މަސައްކަތް ފެށުމަކީ މުދާ ކްލިއަރ ކުރުމަށް ދިމާވާ ދަތިތަކަށް އޮތް ބޮޑު ހައްލެއް ކަމަށް، ވިޔަފާރިވެރިޔާ އަދި އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
އިޖުތިމާއީ މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފިރާގު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހަލުވިކަމާއެކު ކުރިއަރަމުން ދާއިރު، މިފަދަ ބަދަލުތަކަކީ ވިޔަފާރިތަކަށާއި ކަސްޓަމަރުންނަށްވެސް އެކަމުގެ ފައިދާ ކުރާނެ މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން މުދާ އުފުލުމާއި ކްލިއަރ ކުރުމުގެ ނިޒާމަށް ބޮޑު ލުޔެއް ލިބިގެން ދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، އައްޑޫ ސިޓީގައި ފްރީ ޒޯން ގާއިމް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތާބެހޭ ގޮތުން ފިރާގު ވިދާޅުވީ، މިއީ ސަރަހައްދީ އިގްތިސާދު ކުރިއެރުވުމަށާއި މުޅި ރާއްޖެއަށް ލިބޭނެ އާ ފުރުސަތެއް ކަމަށެވެ. އަދި އެމްޕީއެލް އިން ތައާރަފް ކުރުމަށް ރާވާފައިވާ ޝެޑިއުލް ޑޮމެސްޓިކް ލޮޖިސްޓިކްސްގެ ޚިދުމަތަކީ ކަނެކްޓިވިޓީ އިތުރުކޮށް، ސަޕްލައި ޗޭން ވަރުގަދަ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ހުރިހާ ކަމަކީވެސް އިގްތިސާދީ ތަރައްގީއާ ވަރަށް ގާތުން ގުޅިފައިވާ ކަންކަން. އެހެން ކަމުން ވިޔަފާރި ދާއިރާގެ ވަރުގަދަ ތާއީދާއި ކޯޑިނޭޝަނެއް މިކަމަށް ބޭނުންވާނެ،" ފިރާގު ވިދާޅުވިއެވެ.
އޭނާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، މި މަޝްރޫއު ތަކުގެ ކާމިޔާބީ ކަށަވަރު ކުރުމަށްޓަކައި ފަރުވާތެރިކަމާއެކު ޕްލޭންކޮށް ތަންފީޒު ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
މުދާ ބޭލުމާއި، ގުދަން ކުރުމާއި، މުދާ ފޯރުކޮށްދިނުމުގެ ނިޒާމަށް ލުއިދީ، މުޅި ރާއްޖޭގައި އިގްތިސާދީ ކުރިއެރުމަށް އިތުރު ފުރުސަތުތައް އުފެއްދުމަށް އެމްޕީއެލް އާއި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މި މަސައްކަތް ތަކަށް ފިރާގު ވަނީ ތައުރީފު ކުރައްވާފައެވެ.





