MAJLIS

ނައިބު ރައީސް ކަމުން ވަކިކުރަން ޕީއެންސީން ކުރި ތުހުމަތުތައް ނާޒިމް ދޮގުކޮށްފި

ނައިބު ރައީސް ކަމުން ވަކިކުރަން ޕީއެންސީން ކުރި ތުހުމަތުތައް ނާޒިމް ދޮގުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމުން، ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމު ވަކި ކުރުމަށްޓަކައި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އަމިއްލަ ޕާޓީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގައި ކޮށްފައިވާ ތުހުމަތުތައް ނާޒިމު ދޮގު ކުރައްވައިފިއެވެ.

ނާޒިމު މަޖިލިސް ނާއިބު ރައީސް ކަމުގެ މަގާމުން ވަކިކުރަން އެޖެންޑާކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށަން ކުޑަވަގުތު ކޮޅަކަށް ވެފައި ވަނިކޮށް، މަޖިލީހުގެ ނާއިބު ރައީސް ކަމުން އިސްތިއުފާ ދެއްވިކަން ހާމަ ކުރައްވައި ނެރުއްވި ނޫސް ބަޔާނެއްގައި ވަނީ މަގާމުން ވަކިކުރުމަށް އޭނާގެ މައްޗަށްކުރި ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.

ނާޒިމު މަޖިލިސް ރައީސް ކަމުން ވަކިކުރުމަށް ޕީއެންސީން މަޖިލީހަށް ހުށަހެޅި ގަރާރުގައި ނާޒިމު ވަކިކުރަންޖެހޭ ސަބަބު ތަކުގެ ގޮތުގައި ގިނަ ކަންތައްތަކަކަށް ތުހުމަތު ކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމު ވަކިކުރުމަށް، ޕީއެންސީގެ 73 މަޖިލިސް މެންބަރުން ސޮއިކޮށް، މަޖިލީހަށް ހުށަހެޅި ގަރާރުގައި ނާޒިމަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި ރައްޔިތުންގެ މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދިނުން ހިމެނެއެވެ.

އޭގެ އިތުރުން ނާޒިމް ޒިންމާއިން ބަރީއަވުމާއި ވަކި ފަރާތަކަށް ބުރަވެ، މަސްލަހަތު ގެއްލޭ ގޮތަށް ކަންކަން ތަކުރާރު ކުރަމުން ދިއުމާއި ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، ތައައްސުބުވެފައި ވުން ހިމެނެއެވެ.

ގަރާރުގައި އިތުރަށް ބުނެފައިވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޒިމް ވަކި އަތަކަށް ޖެހިފައިވާކަން ސާފުވާ ކަމަށާއި މަޖިލީހުގެ ހުރިހާ މެމްބަރުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތް ކޮށްދިނުމުގައި ފުޅާ ދާއިރާއެއްގައި ނާޒިމް އިހުމާލުވެފައިވާ ކަމަށެވެ.

ނާޒިމް އެގޮތަށް އަމަލު ކުރައްވާތީ މެންބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމަށް ނާއިބު ރައީސް ހުރަހަކަށް ވެފައިވާ ކަމަށްވެސް އެ ގަރާރުގައި ތުހުމަތުކޮށްފައިވެއެވެ.

މި ތުހުމަތުތައް ދޮގު ކުރައްވައި ނާޒިމު މިއަދު ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ، އެ ގަރާރުގައި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެތްކެއް، ނުވަތަ ގަރީނާއެއް ބަޔާންކޮށްފައިނުވާތީ އާއި މިހާތަނަށްވެސް މަޖިލީހުގެ ނާއިބު ރައީސްގެ ހައިސިއްޔަތުން، ނުވަތަ މެންބަރެއްގެ ހައިސިއްޔަތުން ވިޔަސް ކޮށްފައިވާ، ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމަކާ ގުޅިގެން އެއްވެސް މެންބަރަކު، ނުވަތަ އެހެންވެސް ފަރާތަކުން، ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާ ނާޒިމް ހިލާފްވެއްޖެކަމުގެ ޝަކުވާއެއް އުފުލާފައިނުވާތީ، އެ ހުރިހާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްނެތް ކަންތައްތަކެއްކަން ފާހަގަ ކުރަައްވާ ކަމަށެވެ.

"މަޖިލީހުގެ ނާއިބު ރައިސް ކަމުގެ މަގާމުގެ ވާޖިބު ތަކާއި ޒިންމާތައް އަޅުގަނޑު އަދާކޮށްފައިވާނީ ގާނޫނީ ހަމަތަކުގެމަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އެއްވެސް ހާލަތެއްގައި މަގާމުގެ ޒިންމާއިން ބަރީއަވެ، މަގާމުގެ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައެއްނުވާނެ،"

ނާޒިމު ވިދާޅުވެފައިވަނީ އެއްވެސް މެންބަރެއްގެ ވާޖިބެއް، ނުވަތަ މަސްއޫލިއްޔަތެއް އަދާކުރުމަށް ހުރަސްއަޅުއްވާފައިނުވާ ހިނދު މެންބަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ގާނޫނުތަކާއި ގަވާއިދުތައް ތަންދޭ އެންމެ ފުޅާ މިނެއްގައި ކަންކަން ފަހިކޮށްދީ، މަގު ތަނަވަސްކޮށްދީފައިވާނެ ކަމަށެވެ.

މަޖިލިހުގެ މެންބަރުންގެ މެދުގައި މަސްލަހަތު ގެއްލޭނޭކަމެއް ކޮށްފައިނުވާނެ ކަމަށާއި މަގާމުގެ ނުފޫޒު ބޭނުންކޮށްފައި ނުވާނެ ކަމަށާއި، މަގާމުގެ ނާޖާއިޒު ފައިދާ ނަގާފައިނުވާނެކަންވެސް ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކޮށްފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން މެންބަރުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަ ކަމާއި އިސްސާފުވެރިކަމާއި އެކުގަ، ވަކި ސިޔާސީ ފިކުރަކަށް ތަބާވެ އެއްވެސް ކަމެއް ގާނޫނާއި ގަވާއިދާ ހިލާފަށް ކޮށްފައިނުވާހިނދު އަޅުގަނޑު މަސައްކަތް ކޮށްފައިވާނީ ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ހުރިހާ މެންބަރުބްނަށް ހަމަހަމަ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް،"

ރައްޔިތުނއްގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާއި މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން އެންމެހާ މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ވަކި ފަރާތަކަށްނުޖެހި ގަވާއިދުގައި ކަނޑައޅާފައިވާ ގޮތުމަތިން، އެންމެހާ މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒުތަތައް ވަކި ފަރާތަކަށް ނުޖެހި ހަމަހަމަކަމާއެކު ރައްކާތެރިކޮށްދީ، ހިމާޔަތް ކޮށްދިނުމާއެކު ރާއްޖޭގައި ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ރައްޔިތުންގެ މަޖިލިހުގެ ނާއިބުރައީސްގެ ހައިސިއްޔަތުން އަބަދުވެސް މަސައްކަތްކޮށްދީފައިވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"ކަން މހެން ހުރުމާކުވެސް ވެރިކަންކުރާ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ހުރިހާ މެންބަރުންހެން ސޮއިކޮށް މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމުން އަޅުގަނަޑު ވަކިކުރުމަށް އުށަހަޅުއްވާފައި ވުމުމުން އޭގައިވާ ސަބަބުތަކަކީ ތެދު ހަގީގަތް ކަމުގައި ނުވި ނަމަވެސް އިންތިހާބީ މަގާމަކަށް ވޯޓުލި އެންމެންހެން އެ މަގާމުން އެމީހަކު ދުރުކުރުމަށް އެދުމުން އެ ކަަމަށް އިޖާބަދިނުމަކީ ޑިމޮކްރަސީގެ ހަމަތަކުގެމަތިން ތަހުޒީބީ ގޮތެއްކަމުގައި ދެކެން، ވުމާއެކު އަޅުގަނޑާމެދު ކުރައްވާފައިވާ އެންމެހާ ތުހުމަތުތަކަށް އެއްވެސް އިސްތިސްނާއެއް ނެތި އިންކާރު ކުރަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމުން މި ވަގުތުން ފެށިގެން އިްތިއުފާ ދީފިން،"

ނަމަވެސް ދިވެހި ދައުލަތުގައި ގާނޫނުގެ ވެރިކަން ނަގަހައްޓައި ރައްޔިތުންނަށް އުފާވެރި ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމުގައި ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި އަބަދުވެސް ދެމި ހުންނަވާނެ ކަމަށްވެސް އެ ނޫސްބަޔާނުގައި ނާޒިމް ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *