ފުވައްމުލައް ސިޓީއަށް ޑުރަގް އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކޮށް، ކެފޭ އުސޫލުން ޑުރަގް ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، އެ ސިޓީގެ/ ފުނާޑު. ގުލިސްތާނުގޭގައި ޑުރަގް ބޭނުންކުރުމުގެ ހިދުމަތް ދިނުމަށް ހަދާފައިވާ ބައި ބަންދުކުރަން ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފި އެވެ.
ކޯޓުން ނެރެފައިވާ އަމުރާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި އެ ތަން ބަންދުކުރަން އަމުރު ނެރެފައިވަނީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން 85 ދުވަހަށެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، ޑުރަގް ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ. ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ.
ފުލުހުން ބުނި ގޮތުގައި މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށެވެ.





