ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު، ފޭސްބުކްގައި ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފިއެވެ.
ޑރ. ޖަމީލް ވަނީ ޝުޖާއުއަކީ އަބަދުވެސް އަމިއްލަ އެދުމާއި ފައިސާގެ ފަހަތުން ދުވާ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ރިޕޯޓްތަކަށް ބަލާއިރު، ޝުޖާއުއަށް މިހާރުވެސް ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށް ތުހުމަތު ކުރެއްވިއެވެ.
ފާޑުކިއުންތައް އިތުރަށް ވަރުގަދަ ކުރައްވަމުން، ޝުޖާއުއަކީ "ޖާހިލެއް" ގެ ގޮތުގައި ޑރ. ޖަމީލް ސިފަ ކުރެއްވިއެވެ. ކުރިން އެމްޑީޕީ ސަރުކާރުގެ ވަޒީރުންނާ ގުޅިގެންވެސް ޝުޖާއު ވިޔަފާރި މުއާމަލާތް ތަކެއް ހިންގާފައިވާ ކަމަށާއި، ޕީޕީއެމްގެ ތެރޭގައި ޝުޖާއު އުޅުއްވީވެސް ހަމައެކަނި މާލީ މަންފާ ހޯއްދެވުމަށް ކަމަށް ޕާޓީގެ ގިނަ ބަޔަކު ތުހުމަތު ކުރާ ކަމަށް ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް، ޖާހިލިއްޔަ ޒަމާނުގައި ޝުޖާއު ހުރިނަމަ، އޭނާ ފެނުނީހީ އަބޫޖަހުލާއެކު ކަމަށް ވިދާޅުވެ، ޝުޖާއުގެ ސުލޫކަށް ވަރަށް ބޮޑަށް ޖަމީލް ފާޑު ވިދާޅުވިއެވެ.
ހަމަ އެ ޕޯސްޓުގައި ޑރ. ޖަމީލް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރަށްވެސް ފާޑު ވިދާޅުވެފައެވެ. ސަރުކާރު ހުވާ ކުރި ހަފްލާއިން ފެށިގެން ރައީސް މުއިއްޒާއި ޝުޖާއު ގުޅިގެން ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރި ވަމުންދާ ކަމަށް ތުހުމަތު ކުރައްވަމުން، "ލަނޑަޔާ ވާނީ ހަމަ ލަނޑަޔާ" ކަމަށް ވިދާޅުވެ، ރައީސް މުއިއްޒުގެ އަރިހުގައި މިފަދަ ބޭފުޅުން ތިއްބެވުމާ މެދު ނުރުހުން ފާޅު ކުރެއްވިއެވެ.





