އެމްޑީޕީއާއެކު ސިޔާސީ މަސައްކަތްކުރަން ފެއްޓެވުމުން، ގައްދާރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ލީޑަޝިޕުން އެމްޑީޕީއާ ބައިއަތު ހިފައިގެން އުޅޭ ކަމަށް މި ހުރިހާ ދުވަހަކު ރައީސް ޔާމީން ތުހުމަތުކުރައްވަމުން ގެންދެވި ކަމަށެވެ. ނަމަވެސް މިދިޔަ ދެ ހަފުތާއެއްހާ ދުވަސްތެރޭގައި ކަންކަން ބަދަލުވެގެންދިޔައީ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީން ޖަލުގައި އޮންނެވި އިރުވެސް އެ މަނިކުފާނުގެ ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ދަންނަވަމުން ގެންދެވީ އެމްޑީޕީއާ މަޝްވަރާކުރުމަށާއި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާހަކަދެއްކެވުމަށް ކަމަށާއި އެމްޑީޕީއާ ބައިއަތު ހިފުމަކީ އޭރުވެސް ގޮތްދޫނުކޮށް ހިފެހެއްޓި ކަމެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
”އޭރުވެސް އަޅުގަނޑުމެންގެ ލީޑަޝިޕްގެ ޔައުމިއްޔާތައް ހުންނާނެ، އޭރު އަޅުގަނޑުމެން މުތުލަގަށް ދެކޮޅު ހެދިން އެމްޑީޕީއާ އަޅުގަނޑުމެން ދައްކާނެ ސިޔާސީ ވާހަކައެއް ނޯންނާނެ ކަމަށް. ކަން ދިމާކުރި ގޮތުން ގައްދާރަކަށް މިވީ ރައީސް ޔާމީން، އެއީ އެމްޑީޕީއާ އެކީގައި ވާހަކަދެއްކުން، ސިޔާސީ ވާހަކަދެއްކުން. އެހެންވީމާ ދޮގު މި ހެއްދެވީ އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ސަޕޯޓަރުންގެ ކުރިމަތީގައި ރައީސް ޔާމީން،“ އޭނާ ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ހުރިހާ ނޭއްގާނީ ވާހަކަދައްކައި، އެ މަނިކުފާނުގެ މުޅި ދިރިއުޅުން ހަލާކުކޮށް އަނބިދަރިން ހިތާމައިގައި ގެންގުޅުނީ އެމްޑީޕީ ކަމަށް ދައްކައި، އަދި ޕީއެންސީން ވެރިކަމަށް އައިފަހުން ބޮލުގައި އެ ހުރިހާ އެއްޗެއް އަޅުވައި ގޮސް އެ ހުންނެވީ ”އެއްކަލަ ގަލުން ތިން މީހުން ފެހިކާން“ ކަމަށެވެ.





