ވ. އަތޮޅު އަލިމަތާ ކޭވްއަށް ޑައިވިނަށް ގޮސް އުޅެނިކޮށް މިދިޔަ ހަފުތާގައި ހިނގި ނުރައްކާތެރި ހާދިސާގައި މަރުވި އިޓަލީގެ ހަތަރު ފަތުރުވެރިއެއްގެ ހަށިގަނޑު މިރޭ އެ ގައުމަށް ފޮނުވާލުމަށް ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، މިރޭ ފޮނުވާލާ ހަތަރު މީހުންގެ ހަށިގަނޑު އިޓަލީއަށް ގެންގޮސް ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއަށްފަހު ތައްޔާރުކުރާ ރިޕޯޓު ރާއްޖޭގެ ތަހުގީގީ ޓީމާ ހިއްސާކުރާނެ ކަމުގެ ޔަގީންކަން އިޓަލީ ސަރުކާރުން ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިޓަލީގެ ފަސް ޑައިވަރަކު ގެއްލިގެން ރިޕޯޓުކުރި މި ހާދިސާގައި، އެކަކުގެ ހަށިގަނޑު އެ ދުވަހު ފެނިގެން މިހާރު ވަނީ ގައުމަށް ފޮނުވާލާފައެވެ. ބާކީ ތިބި ހަތަރު މީހުން ހޯދުމުގެ ތެރޭގައި ކޯސްޓްގާޑުގެ ތަޖުރިބާކާރު ޑައިވަރު މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެން އެމްއެންޑީއެފްގެ އޮޕަރޭޝަން މެދުކަނޑާލުމަށްފަހު، އަލުން ހަށިތައް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ފިންލޭންޑުގެ މާހިރުންގެ އެހީތެރިކަމާއެކުގައެވެ.
އެގޮތުން، މިދިޔަ އަންގާރަ ދުވަހު ދެ މީހެއްގެ ހަށިގަނޑު އަދި ބުދަ ދުވަހު ފަހު ދެ މީހުންގެ ހަށިގަނޑު ވަނީ 60 މީޓަރު އަޑިން ހޮހަޅައިގެ ތެރެއިން ނަގައިފައެވެ. މި ހާދިސާގައި މަރުވެފައިވަނީ:
ފެޑެރިކޯ ގުއަލްޓިއޭރީ (ބޯގޯމަނޭރޯގެ ޑައިވަރު)
މޮނިކާ މޮންޓެފަލްކޯން (ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރު)
ޖޯޖިއާ ސޮމާކަލް (ޕްރޮފެސަރު މޮނިކާގެ ދަރިފުޅު)
މިއުރިއަލް އޮޑެނީނޯ (ޓޫރިންގެ މީހެއް)
ޖިއަންލޫކާ ބެނެޑެޓީ (ޕަޑުއާގެ މީހެއް)
މި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެމީހުން ދަތުރުކުރި "އެމްވީ ޑޫކް އޮފް ޔޯކް" ސަފާރީގެ އޮޕަރޭޓިން ލައިސަންސް ޓޫރިޒަމް މިނިސްޓްރީން ވަނީ ސަސްޕެންޑުކޮށްފައެވެ. މިއީ ރާއްޖޭގެ ކަނޑުމަތީގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު އެއް ހާދިސާއެވެ.





