ލަންކާއަށް ދިއުމުގެ ކުރިން އީޓީއޭ ހުށަހަޅަންޖެހޭ ގޮތަށް އަލުން ހަމަޖައްސައިފި

ލަންކާއަށް ދިއުމުގެ ކުރިން އީޓީއޭ ހުށަހަޅަންޖެހޭ ގޮތަށް އަލުން ހަމަޖައްސައިފި

ސްރީލަންކާއަށް އެތެރެވުމުގެ ކުރިން އޮންލައިންކޮށް ހޯދަންޖެހޭ އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) ހުށަހެޅުން އަނެއްކާވެސް މަޖުބޫރުކޮށްފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އަމަލުކުރުން ހުއްޓާލާފައިވާ މި އުސޫލަށް އަލުން އަމަލުކުރަން ފަށާނީ މި ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.

ލަންކާ ހައި ކޮމިޝަނުން ބުނި ގޮތުގައި، ޓޫރިޒަމްގެ ބޭނުމަށް އެ ގައުމަށްދާ ހުރިހާ ބޭރު ގައުމުތަކުގެ މީހުން ވެސް ދަތުރު ފެށުމުގެ 24 ގަޑިއިރު ކުރިން eta.gov.lk ވެބްސައިޓު މެދުވެރިކޮށް އީޓީއޭ ހޯދަން ޖެހޭނެއެވެ. ދިވެހިންނަށް މި ހިދުމަތް ކުރިން ވެސް އޮތް ގޮތަށް އެއްވެސް ފީއަކާ ނުލައި ލިބޭނެ ކަމަށާއި، އަދި 90 ދުވަހުގެ ޓޫރިސްޓު ވިސާ ވެސް ދިވެހިންނަށް ލިބޭނެ ކަމަށް ހައި ކޮމިޝަނުން ކަށަވަރުކޮށްދެއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ލަންކާ ސަރުކާރުން ވަނީ ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން ހިލޭ އީޓީއޭ ލިބޭ ގައުމުތަކުގެ އަދަދު 40 އަށް އިތުރުކުރުމަށް ނިންމާފައެވެ. އެހެންނަމަވެސް އެ ނިންމުން ތަންފީޒު ކުރުން ލަސްވެފައި ވަނިކޮށް، މި މަހުގެ 7 ވަނަ ދުވަހު ލަންކާގެ މަޖިލީހުން ވަނީ ރާއްޖެ ހިމެނޭ ގޮތަށް އެ 40 ގައުމަށް ހިލޭ އީޓީއޭ ދޫކުރަން ފާސްކޮށްފައެވެ.

ކުރިން މި ފުރުސަތު ހަމައެކަނި ޗައިނާ، އިންޑިއާ، ޖަޕާން އަދި ރަޝިއާ ފަދަ މަދު ގައުމުތަކަކަށް އޮތް ނަމަވެސް، މިހާރު ލިސްޓަށް އިތުރުކުރެވުނު ގައުމުތަކުގެ މީހުން ވެސް ލަންކާއަށް ދިއުމުގެ ކުރިން އީޓީއޭ ހުށަހެޅުން ލާޒިމުވާނެއެވެ.

ލަންކާގެ ވިސާގެ ކަންކަން އިންޑިއާގެ ކުންފުނިތަކަކާ ހަވާލުކޮށްގެން އައުޓްސޯސްކުރަން އުޅުމުގެ ތެރޭގައި ކުރިމަތިވި ގާނޫނީ މައްސަލަތަކާއި، 25 ޑޮލަރުގެ ޕްރޮސެސިން ފީއެއް ނަގަން އުޅުނު މައްސަލަ ކޯޓަށް ހުށަހެޅުމާ ގުޅިގެން މިހާރު ވަނީ އެކަން ހުއްޓުވާފައެވެ. އެހެންކަމުން، މިހާރު ހަމަޖެހިފައިވާ އުސޫލަކީ ސަރުކާރުގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް ދަތުރުގެ ކުރިން ހުއްދަ ހޯދުމެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *